28 Nov 2014, 14:37
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ، މެލޭޝިއާގެ ވެރިކަން ކުރާ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އަމްނޯ)ގެ ސެކްރެޓަރީ ޖެނެރަލް އަދި އެގައުމުގެ މިނިސްޓަރ އޮފް ފެޑެރަލް ޓެރިޓަރީ ދާތުކު ސްރީ ޓެންކޫ އަދުނާން ބިން މަންސޫރާ ބައްދަލުކުރައްވައިފި އެވެ.
މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ހުންނަ އަމްނޯގެ މައި އިދާރާގައި ބުރާސްފަތި ދުވަހު ބޭއްވި އެ ބައްދަލުކުރެއްވުމުގައި ޕީޕީއެމާއި އަމްނޯއާ ދެމެދު ގުޅުން ބަދަހިކުރުމުގެ މައްޗަށް އެ ދެބޭފުޅުން ވެސް ވާހަކަފުޅު ދެއްކެވި ކަމަށް ޕީޕީއެމުން ބުންޏެވެ.
އެގޮތުން ޕީޕީއެމްއާއި އަމްނޯއާ ދެމެދު ގުޅުންބަދަހި ކުރުމުގެ ގޮތުން ވަރަށް އަވަހަށް އެމްއޯޔޫއެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޕާޓީން ބުންޏެވެ.
އަމްނޯގެ އަހަރީ އާންމު ޖަލްސާއާއި އިންޓަނޭޝަނަލް ފޯރަމްގެ ހަވާސާގައި އެ ދެބޭފުޅުން ބޭއްވެވި އެ ބައްދަލުމުމުގައި އަބްދުއްރަހީމް ވަނީ، ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމަށް އަމްނޯގެ އަހަރީ އާންމު ޖަލްސާއާއި އިންޓަނޭޝަނަލް ފޯރަމްގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ދެއްވި ކަމަށްޓަކައި އަމްނޯގެ ސެކްރެޓަރީ ޖެނެރަލަށާއި އެޕާޓީގެ ރައީސް އަދި މެލޭޝިޔާގެ ބޮޑު ވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބު ބިން ހާޖީ ތުން އަބްދުއްރައްޒާގަށް ޝުކުރު އަދާކުރައްވައިފައެވެ.
ޕީޕީއެމުން ބުނީ އެޕާޓީގެ ނައިބު ރައީސާއި މެލޭޝިޔާގެ ވެރިކަންކުރާ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މިނިސްޓަރ އޮފް ސްޓޭޓް ޣައްސާން މައުމޫން ބައިވެރިވެވަޑައިގަތް ކަމަށެވެ.