ވިއެނާ (ނޮވެމްބަރު 28): އޯޕެކުން އުފައްދާ ތެލުގެ މިންވަރު ދަށް ނުކުރާނެކަން އެ ޖަމާއަތުން އިއުލާން ކުރުމާއެކު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ.

އޯޕެކްގެ ގައުމުތަކުގެ ތެލާބެހޭ ވަޒީރުންގެ ދިގު ބައްދަލުވުމަކަށްފަހު ސައޫދީ އަރަބިޔާގެ ތެލާބެހޭ ވަޒީރު އަލީ އައްނުއައިމީ ވިދާޅުވީ، މިހާރުވެސް އުފައްދާ މިންވަރަށް ތެޔޮ އުފެއްދުމަށާއި ތެލުގެ އަގު މަތި ކުރުމަށްޓަކައި އިތުރަށް ތެޔޮ ނުއުފެއްދުމަށް އޯޕެކްގެ ތެލާބެހޭ ވަޒީރުންނަށް ފެނިވަޑައިގަންނަވާނެ ކަމުގައެވެ. ނަމަވެސް މިނިންމުމަށް އޯޕެކްގެ ބައެއް ގައުމުތަކުގެ ވަޒީރުން ދެކޮޅު ހެއްދެވި ކަމަށްވެއެވެ.

ރިޕޯޓްތައް ބުނާގޮތުން އޯޕެކްގެ މި އިޢުލާނާއެކު ތެޔޮ ފީފާއަކުން ހަ ޑޮލަރު ވަނީ ދަށަށްގޮސްފައެވެ. މިއާއެކު ތެޔޮ ފީފާއެއްގެ އަގު ބައިނަލްއަގްވާމީ ބާޒާރުގައި މިހާރު ވަނީ 67 އެމެރިކާ ޑޮލަރަށް ދަށަށް ގޮސްފައެވެ.

މިއީ 2011 ވަނަ އަހަރަށްފަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާބޮޑަށް ދަށަށްދިޔަ ފުރަތަމަ ފަހަރެެވެ. އޯޕެކުގެ ގައުމުތަކުން ދުވާލަކަށް 30 މިލިޔަން ފީފާގެ ތެޔޮ އުފައްދައެވެ.

އޯޕެކުގައި ހިމެނޭ ބައެއް ގައުމުތަކުންނާއި އޯޕެކުގައި ނުހިމެނޭ ބައެއް ގައުމުތަކުންވެސްް ވަނީ ތެލުގެ އަގު މަތިކުރުމަށްޓަކައި ތެޔޮ އުފައްދާ މިންވަރު ދަށްކުރުމަށް ގޮވާލާފައެވެ. މިގޮތަށް ގޮވާލާފައިވާ ގައުމުތަކުގެ ތެރޭގައި އޯޕެކުގައި ނުހިމެނޭ ރަޝިޔާއާއި އޯޕެކްގައި ހިމެނޭ ވެނެޒުއެލާއާއި އީރާން ހިމެނެއެވެ.

ވިއެނާގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި އޯޕެކުން އުފައްދާ ތެލުގެ މިންވަރަށް އެއްވެސް ބަދަލެއް ނުގެނައުމަށް ނިންމުމާ ގުޅިގެން ތެލުގެ އަގު އިތުރަށް ދަށަށް ދިޔަނަމަވެސް މިހިނގާ ފިނި މޫސުމުގައި ތެލުގެ ޑިމާންޑް އިތުރުވެ އަގަށް ހެޔޮ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތަޖްރިބާކާރުން ބުނެއެވެ. (އަލްޖަޒީރާ)