28 Nov 2014, 13:57
ހަކަތަ އުފެއްދުމުގައި އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ގައުމުތަކުން އިއްޔެ ސޮއިކޮށްފި އެވެ.
ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި އިއްޔެ ނިމުނު ސާކް ސަމިޓްގެ ތެރޭގައި އިއްޔެ ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ހަކަތައިގެ ވިޔަފާރީގައި އެއްގައުމުން އަނެއް ގައުމަށް އެއްބާރުލުން ދޭން ޖެހެއެވެ. އަދި ހަކަތަ އުފެއްދުމާ ގުޅޭ ގޮތުން މައުލޫމާތާއި ޓެކްނޮލޮޖީ ހިއްސާކުރުމަކީ ވެސް އެ އެއްބަސްވުމުގައި ހިމެނޭ ކަމެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
އިއްޔެ ކަތުމަންޑޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސޮއިކުރި އެ އެއްބަސްވުމުގެ މަގުސަދަކީ ސާކް ގައުމުތަކުގެ މެދުގައި ސަރަހައްދީ ރޮނގު ހުރަސްކޮށް ހަކަތައިގެ ވިޔަފާރި ކުރުމަށް ބާރުއެޅުމެވެ.
ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ.
އަށާނަ ވަނަ ސާކް ސަމިޓް ނިންމާލުމުގެ ގޮތުން އިއްޔެ ވަނީ ގަރާރެއް ވެސް ފާސްކޮށްފައެވެ. " ޑީޕާ އިންޓަގްރޭޝަން ފޯ ޕީސް އެންޑް ޕްރޮސްޕެރިޓީ" ގެ ނަމުގައި ފާސްކުރި އެގަރާރުގައި ވެސް ބޮޑަށް ބާރުއަޅާފައި ވަނީ ސާކް ސަރަހައްދުގައި ވިޔަފާރީގެ މިނިވަންކަން ފުޅާ ކުރުމަށެވެ.