28 Nov 2014, 13:49
ގާހިރާ (ނޮވެމްބަރު 28): މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީގެ ވެރިކަމާ ދެކޮޅަށް މިއަދުގެ ހުކުރު ނަމާދަށްފަހު ބާއްވާނެކަމަށް އިއްލާންކޮށްފައިވާ މުޒާހަރާތަކާ ކުރިމަތިލުމަށްޓަކައި މިސްރު ސިފައިންގެ އެތަށްސަތޭކަ ބަޔަކު ގާހިރާގެ ކަންކޮޅުތަކުގައި ރުކުރުވާލާފައިވާއިރު މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ ގަޔަށް ބަޑިޖަހާނެ ކަމުގެ އިންޒާރު ސީސީގެ ސަރުކާރުން ދީފި އެވެ.
މިސްރުގެ ދާޚިލީ ވުޒާރާއިން ވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުން ލައިވް އުންޑައާ ކުރިމަތިލާން ޖެހޭނެ ކަމަށްބުނެ އިންޒާރު ދީފައެވެ. އަނެއްކޮޅުން މިސްރު ސިފައިން ނެރުނު އަސްކަރީ ބަޔާނެއްގައި ބުނެފައިވަނީ ގާހިރާގައިވާ ދައުލަތުގެ މުހިއްމު އޮފީސްތަކާއި މުއައްސަސާތައް ހިމާޔަތްކުރުމަށް ޓަކައި ފުލުހުންނާ ގުޅިގެން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް ސިފައިންގެ ވެރިޔާ ޖެނެރަލް ސިދްގީ ސުބުހީ ސިފައިންނަށް އަމުރު ކުރައްވާފައިވާ ކަމުގައެވެ.
ސީސީގެ ވެރިކަމާ ދެކޮޅަށް މިއަދު ވަރުގަދަ މުޒާހަރާތަކެއް ފަށާނެކަމަށް ބުނެފައިވަނީ މިސްރުގެ ސަލަފީ ފިކުރުގެ ޖަމްއިއްޔާތަކުންނެވެ. ނަމަވެސް ސަލަފީންގެ ސިޔާސީ ޕާޓީކަމަށްވާ ނޫރުޕާޓީން ވަނީ މި މުޒާހަރާތައް ނުކުރުމަށް ސަލަފީ ޖަމްއިއްޔާތަކަށް ގޮވާލާފައެވެ.
ނޫރުޕާޓީއަކީ މިސްރުގައި ވެރިކަންކުރައްވަމުން ގެންދެވި އިސްލާމީ ފިކުރުގެ ރައީސް މުޙައްމަދު މުރުސީ ގެ ވެރިކަން ވައްޓާލުމަށް ސީސީ އިސްކޮށްހުންނަވައިގެން ގެނައި އަސްކަރީ އިންގިލާބަށްވެސް ފާޅުގައި ތާއީދުކޮށް ސީސީއަށް ވާގިވެރިވި ޕާޓީއެކެވެ. އަދި ސީސީގެ ވެރިކަަމުގައި އިޚްވާނުލް މުސްލިމޫން ޖަމާއަތުގެ މެންބަރުންނަށާއި އަސްކަރީ އިންގިލާބާ އިދިކޮޅު މިސްރުގެ އާންމުންނާ ދެކޮޅަށް ސީސީގެ ވެރިކަމުގެ ނިޒާމުން ހިންގަމުންގެންދާ އަނިޔާވެރި އަމަލުތަަކަށްވެސް ނޫރުޕާޓީ އޮންނަނީ ލޯމަރާލައިގެންނެވެ.
ނަމަވެސް މިސްރުގެ ސަލަފީ ފިކުރުގެ ދީނީ ޖަމްއިއްޔާތަކުން ގެންދަނީ ސީސީގެ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އަދި ސީސީގެ ވެރިކަމުގައި އެމެރިކާއާއި އިސްރާއީލުގެ ނުފޫޒުގެ ދަށަށް މިސްރު ދާތީ އެކަމާ ދެކޮޅަށްވެސް ސަލަފީ ޖަމްއިއްޔާތަކުން ގެންދަނީ އަޑުއުފުލަމުންނެވެ.
މިއަދުގެ މިމުޒާހަރާތަކުގެ ބޭނުމަކީވެސް ސީސީގެ ވެރިކަމުގައި އެމެރިކާއާއި އިސްރާއީލުގެ ނުފޫޒުގެ ދަށަށް މިސްރު ދާތީ މިސްރުގެ އަރަބި އަދި އިސްލާމީ ވަންތަކަން ހިމާޔަތްކޮށް ސީސީގެ ސަރުކާރު ވައްޓާލުމަށް މަގުފަހިކުރުން ކަމަށް ސަލަފީ ޖަމްއިއްޔާތަކުން ބުނެއެވެ. (އަލްޖަޒީރާ)