ޓެކްނޮލޮޖީގެ ގޮތުން ހޯދާފައިވާ ކުރިއެރުންތަކާއި އެކުގައި ވެސް އެޗްއައިވީ އެއިޑްސް ފެތުރުން ހުއްޓުވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ޔޫފުގެ ގައުމުތަކަށް ހާސިލު ކުރެވިފައި ނުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެޗްއައިވީ ފެތުރުން ހުއްޓުވުމަށް ލިބުނު އިތުރު ފުރުސަތުތަކާއި ޓެކްނޮލޮޖީގެ ގޮތުން ހޯދި ކުރިއެރުންތަކާއި އެކުގައި ވެސް 2004 ވަނަ އަހަރުން ފެށިގެން އެޗްއައިވީގެ ވަބާ ޔޫރަޕްގައި ބާރަށް ފެތުރެމުން ގޮސްފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ 2013 ވަނަ އަހަރު އެކަނި ވެސް ޔޫރަޕާއި އިރުމަތީ އޭޝިއާގެ ގައުމުތަކުން 136000 މީހެއްގެ ގައިން އެޗްއައިވީ ފެނިފައިވާ ކަމަށެވެ.

ޔޫރަޕަށް ހާއްސަކޮށްފައިވާ ޑަބްލިއުއެޗްއޯގެ ސަރަހައްދީ އޮފީހާ ހަވާލާދީ ބަޔާނުގައި ބުނެފައި ވަނީ އެ އަދަދަކީ 2004 ވަނަ އަހަރާއި އަޅައި ބަލާއިރު 80 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ 2013 ވަނަ އަހަރު ޔޫރަޕާއި އިރުމަތީ އޭޝިއާއިން އެޗްއައިވީ ފެނުނު މީހުންގެ ތެރެއިން 29000 މީހުންނަކީ ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ގައުމުތަކުގެ މީހުން ކަމަށެވެ. އަދި ބުނެފައި ވަނީ އެޗްއައިވީ އެއިޑްސް ކޮންޓްރޯލް ކުރުމުގައި 2015 ވަނަ އަހަރާ ހަމައަށް ހާސިލުކުރަން ޖެހޭ ލަނޑުދަނޑި ޔޫރަޕުގެ ގައުމުތަކަށް ހާސިލުކުރެވިފައި ނުވާ ކަމަށެވެ.

"...އެޗްއައިވީ އެއިޑްސް ފެތުރުން ހުއްޓުވުމުގައި 2015 ވަނަ އަހަރާ ހަމައަށް ހާސިލުކުރަން ޖެހޭ ސާސްކަފުގެ ލަނޑުދަނޑި ޔޫރަޕަށް ހާސިލުކުރެވިފައެއް ނުވެއެވެ،" ޑަބްލިއުއެޗްއޯ ރީޖަނަލް ޑައިރެކްޓަރް ފޯ ޔޫރަޕް ޒުސާނާ ޖަކަބް ވިދާޅުވި ކަމަށް ބަޔާނުގައި ވެއެވެ.