ސިޓީގެ ޝަރުތުތައް ބާތިލް ކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދާފައި އޮތް ނަމަވެސް އެ އޮތޯރިޓީގެ ހައިސިއްޔަތާ މެދު އެއްވެސް ސުވާލެއް ނުއުފެދޭ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ކޯޓުގައި މިއަދު ބުނެފި އެވެ.

ރިޔާސަތުގައި އިންނެވި ގާޒީ އާއިޝާ ސުޖޫން މުހައްމަދުގެ އިތުރުން ގާޒީ ހާތިފް ހިލްމީ އާއި ގާޒީ އަލީ ނަސީރު ބެއްލެވި އެ މައްސަލައިގެ ޝަރީއަތުގައި ސ. ހުޅުދޫ، އަންނާރުވިލާ، ހަސަން ނަސީރު ހުށަހެޅުއްވި ދައުވާއަށް ރައްދު ދެއްވަމުން ބަންޑާރަ ނައިބު އޮފީހުގެ ވަކީލާ އުސާމާ މޫސާ ވިދާޅުވީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ހައިސިއްޔަތާ މެދު ސުވާލު ނުއުފެދޭ ކަމަށާއި ސުވާލު އުފެއްދޭނެ ޖާގައެއް ވެސް ނެތް ކަމަށެވެ. އަދި މީގެ ކުރިން އައްޑޫ ސިޓީގެ މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި "އެފަދަ މިންގަނޑެއް ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާފައި ނެތުމުން" މި އިބާރާތުން ބަޔާންކޮށްފައިވާ ކަމަށާއި އެކަމުން އެ އޮތޯރިޓީގެ ހައިސިއްޔަތާ މެދު ސުވާލު ނުއުފެދޭކަން ހާމަވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.

ވަކީލާ ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ކޯރަމެއް ކަނޑައަޅާފައިނުވާ ކަމަށެވެ. އެކަމަކު އެގޮތަށް ވަކި ކޯރަމެއް އޮވެގެން ކަންކަން ނިންމުމަށް ލާޒިމުކޮށްފައިވާ ގާނޫނުތަކުގައި ސީދާ ކޯރަމެއް ބަޔާންކޮށްފައިވާ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުގެ ގާނޫނާއި މީޑިޔާ ކައުންސިލްގެ ގާނޫނު ވަކީލާ ފާހަގަ ކުރެއްވި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އެދުނީ މި މައްސަލައިގައި ދައުވާ ކުރާ ފަރާތުން އެދުނު ގޮތަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާފައިވާ ޝަރުތުތައް ބާތިލް ނުކުރެވޭނެ ކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.

އެ މައްސަލައިގެ ދައުވާ ހުށަހަޅުއްވަމުން ނަސީރުގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވީ ސިޓީއެއް ހެދުމުގެ ޝަރުތުތައް ނުވަތަ މިންގަނޑު ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާފައިވާއިރު އެ އޮތޯރިޓީ ފުރިހަމަ ނޫން ކަމަށެވެ. ވަކީލު ވިދާޅުވީ ހޯމް މިނިސްޓަރު އެކަނި ހުންނަވައިގެން ޝަރުތުތައް ކަނޑއަޅާފައިވާއިރު ލޯކަލް ގަވަމަންޓް އޮތޯރިޓީ ހިންގަން ފަށާނީ ރައީސަކާއި ނައިބު ރައީސެއް އިންތިހާބުކޮށްގެން ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެންމެ މެންބަރަކު ހުންނަވައިގެން ކަންކަން ނިންމުމަކީ ގާނޫނީ އުސޫލު ތަންދޭ ކަމެއް ނޫން ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.