"ފެނަކަ ސޭލްސް ސެންޓަރ"ގެ ފުރަތަމަ ފިހާރަ އައްޑޫ ސިޓީގެ ހިތަދޫގައި މިރޭ ހުޅުވައިފި އެވެ.

ހިތަދޫގައި މިރޭ ބޭއްވި ހަލްފާއެއްގައި އެފިހާރަ ހުޅުއްވައިދެއްވީ އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.

އެފިހާރައާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ސަން' އަށް ވިދާޅުވީ، އެފިހާރައިން ކަރަންޓު ދިނުމަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބޭނެކަމަށެވެ.

ނިމާލް އިތުރަށް ވިދާޅުވީ، އެ ކޯޕަރޭޝަންގެ ފަރާތުން އަތޮޅު ތެރޭގައި ހުޅުވާ ފިހާރަތަކުން ކަރަންޓުލުމަށް ދަތިވެފައިވާ ފަރާތްތަކަށް އިންސްޓޯލްމަންޓަށް ތަކެތި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އިންސްޓޯލްމަންޓަށް ތަކެތި ފޯރުކޮށްދޭނީ ގޭގެއަށް ކަރަންޓުމަށް ބޭނުންވެ، ނަމަވެސް އެކަމަށް ދަތިވެފައިވާ ފަރާތްތަކަށް. މިއީ ސަރުކާރުގެ ކަރަންޓް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ކުރެވިގެންދާ ކަމެއް،" ނިމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވަރަށް ކައިރި މުސްތަގުބަލެއްގައި އެ ކޯޕަރޭޝަންގެ ފިހާރައެއް އެހިދުމަތްތަކާއެކު ހދ. ކުޅުދުއްފުއްށީގައި ވެސް ހުޅުވިގެންދާނެކަމަށެވެ.