27 Nov 2014, 23:52
ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭއަށް ދިމާވި ޔޫރިނަރީ އިންފެކްޝަނަކާ ގުޅިގެން އޭނާގެ ހާލުބޮޑުވެ ސައޮ ޕޯލޯގެ އެލްބަޓް އެއިންސްޓަން ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ބީބީސީގައި ބުނެފައިވަނީ، ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ، މިހާރު އުމުރުން 74 އަހަރުގެ ޕެލޭ، މިދިޔަ ހޯމަދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކުރީ މައި ބަދައިގެ ތިރީގައި ވޭންއަޅާތީ "ކްލިނިކަލް އިންސްޓެބަލިޓީ"ގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް 1958، 1962 އަދި 1970 ވަނަ އަހަރު ކާމިޔާބުކުރި ބްރެޒިލްގެ ފުޓްބޯޅަ ޓީމުގައި ހިމެނުނު ޕެލޭއަށް ޔޫރިނަރީ އިންފެކްޝަނެއްގެ ސަބަބުން އުނދަގޫތަކާ ކުރިމަތިލާން ޖެހުނީ، މިމަހުގެ 13 ވަނަ ދުވަހު "ހިލަކޮޅެއް ނެގުމަށްޓަކައި" ކިޑްނީ އޮޕަރޭޝަނެއް ކުރުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލި ފަހުންނެވެ.
ބްރެޒިލްގެ ހަބަރުފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި ޕެލޭއަށް އިންފެކްޝަނެއް ކުރިމަތިވީ، ކިޑްނީ އޮޕަރޭޝަން ކުރުމުގެ ތެރޭގައެވެ. އަދި މިހާރު އައިސީޔޫގައި ފަރުވާދެނީ އެ އިންފެކްޝަންގެ ސަބަބުން ކަމަށެވެ.
ޕެލޭ ވަނީ، އޭނާގެ 21 އަހަރުގެ ފުޓްބޯޅަ ކެރިއަރުގައި ކުޅުނު 1363 މެޗުން 1281 ލަނޑު ކާމިޔާބުކޮށް ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފައެވެ. ފީފާއިން ހޮވި ގަރުނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ޕެލޭ ވަނީ، ބްޒިކްގެ ގައުމީ ޓީމަށް އޭނާ ކުޅުނު 91 މެޗުގައި ޖުމުލަ 77 ލަނޑު ކާމިޔާބުކޮށްފައެވެ.
ޕެލޭ ވަނީ، ވޯލްޑް ކަޕްގައި 14 މެޗު ކުޅެ އެ މުބާރާތުގައި 12 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ފީފާ ގޯލްޑަން ބޯލް އެވޯޑް ޕެލޭ ހާސިލްކޮށްފައި ވެއެވެ.