ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި ރާއްޖޭގެ ދަރަޖައަށް އިތުރު ބަދަލުތަކެއް ނާންނަކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން މިއަދު ހާމަ ކޮށްފިއެވެ.

މި އަހަރު ސެޕްޓެމްބަރުން އޮކްޓޯބަރަށް ދުނިޔޭގެ ރޭންކިންގައި ރާއްޖެ 145 ވަނަ ދަރަޖައިން 142 ވަނަ ދަރަޖައަށް ޖެހިލާފައި ވާއިރު، މިމަހު ފީފާއިން އިއުލާނު ކުރި ދުނިޔޭގެ ރޭންކިންގައި ރާއްޖެއަށް ކުރިއެރުމެއް ލިބިފައި ނުވުމުން، ސާކް ސަރަހައްދުގެ ރޭންކިންގައި ރާއްޖެ އޮތީ އަދިވެސް ދެވަނައިގައެވެ. އަދި ފީފާ ޒޯނަލް ރޭންކިންގައި ރާއްޖެ އޮތީ މި ސަރަހައްދުގެ 23 ވަނައިގައެވެ.

މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ދުނިޔޭގެ ރޭންކިންގައި އެންމެ ކުރީގައި އުޅޭ އަފްޣާނިސްތާން މިދިޔަ މަހަށްވުރެ މިމަހު އެއްދަރަޖަ ކުރިއަށް ޖެހިލާފައި ވާއިރު، އެ ގައުމު މިހާރު އޮތީ ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގެ 133 ވަނައިގައެވެ. އަދި ފީފާ ޒޯނަލް ރޭންކިންގައި މި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އެ ގައުމު އޮތީ 18 ވަނައިގައެވެ. މި އަހަރުގެ އޭޕްރިލްގައި އެ ގައުމު 122 ވަނައިގައި އޮތް އިރު، އެއީ އެ ގައުމު ދުނިޔޭގެ ރޭންކިންގައި މިހާތަނަށް އެންމެ މަތީ މަގާމެއް ހާސިލް ކުރި ފަހަރެވެ.

މި ސަރަހައްދުގައި ފުޓްބޯޅައިގެ އެންމެ ގަދަ އެއް ބާރު ކަމަށްވާ އިންޑިއާ ދުނިޔޭގެ ރޭންކިންގައި މިދިޔަ މަހަށްވުރެ މިމަހު 11 ދަރަޖަ ދަށަށް ޖެހިލާފައި ވާއިރު، ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި އެގައުމު މިހާރު އޮތީ 170 ވަނައިގައެވެ. އަދި ސަރަހައްދީ ރޭންކިންގައި އެ ގައުމު 36 ވަނައަށް ޖެހިލާފައި ވާއިރު، ސާފް ގައުމުތަކުގެ މެދުގައި އެ ޓީމް މިހާރު އޮތީ ފަސް ވަނައިގައެވެ.

ސާފް ގައުމުތަކުގެ މެދުގައި ހަތަރުވަނަ ހާސިލް ކޮށްފައިވާ ސްރީލަންކާ ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި މިހާރު އޮތީ 169 ގައެވެ. މިއީ އިންޑިއާއަށްވުރެ އެއް ދަރަޖަ މަތީ އަދަދެކެވެ. މިދިޔަ މަހާ އަޅާ ބަލާއިރު އެ ޓީމް ފަސް ދަރަޖައިގެ ކުރިއެރުމެއް ހޯދާފައި ވާއިރު، ސަރަހައްދީ ގޮތުން މިހާރު އެ ގައުމު އޮތީ 35 ވަނައުގައެވެ.

ސާފް ގައުމު ތަކުގެ ތެރެއިން ދުނިޔޭގެ ރޭންކިންގައި މިހާރު ރާއްޖެއާ އެންމެ ގާތުން ވާދަކުރަނީ ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގެ 163 ގައި އޮތް ބަންގްލަދޭޝް އެވެ. އެ ޓީމްވަނީ ސެޕްޓެމްބަރު މަހު ތާވަލްގެ 181 ވަނައިން ފަސް ދަރަޖަ ކުރިއަށް ޖެހިލައި، އޮކްޓޯބަރު މަހު ތާވަލްގެ 176 ވަނަ ހާސިލްކޮށްފައެވެ. އަދި މި މަހު އެ ޓީމް ވަނީ 13 ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ. އަދި ސަރަހައްދީ ގޮތުން އެ ޓީމް މިހާރު 33 ވަނައިގައި އޮތް އިރު، ސާފް ގައުމުތަކުގެ ތާވަލްގައި ވަނީ ތިން ވަނަ ހާސިލް ކޮށްފައެވެ.