30 Jan 2011, 17:09
ލޯކަލް ކައުންސިލް އިންތިހާބުގެ ސެކިއުރިޓީ އަށް ފުލުހުންގެ ފައުޖުތައް އަތޮޅު ތެރެއަށް ފޮނުވަންފަށައިފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސެކިއުރިޓީއަށް ޓަކައި ފުލުހުން ރާއްޖޭގައި ހަރަކާތްތެރިވާ ގޮތާ ބެހޭ ގޮތުން އިސްކަންދަރު ބިލްޑިންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ އިންތިހާބު ކައިރިވަމުންދާ ވަރަކަށް ފުލުހުންގެ މަސައްކަތްތައް އިތުރު ކުރަމުންދާ ކަމަށާއި އެ ގޮތުން އިތުރު ފުލުހުންގެ އަތޮޅު ތެރެއަށް ފޮނުވަން ފަށާފައިވާ ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބަށް، ވަރަށް ބޮޑު ސަމާލު ކަމެއް ދީގެން އެއް ދުވަހުން އަނެއް ފުލުހުން ވަމުންދާ ތައްޔާރީތަކާ މެދު އެއްވެސް ފަރާތަކުން ޝައްކު ނުކުރުމަށް އޭނާ ވިދާޅުވި އެވެ.
"އަތޮޅު ތެރެއާއި މާލޭގައި ވެސް ފުލުހުން ފޮނުވައިގެން މަސައްކަތް އަޅުގަނޑުމެން ފަށާފައި މިވަނީ. އިންތިހާބާ ކައިރިވެގެންދާ ކޮންމެ ދުވަހަކީ ފުލުހުންގެ ތައްޔާރީތައް އެއްދުވަހުން އަނެއް ދުވަހަކަށް ރަގަނޅުވެގެން ދާނެ ދުވަހެއް. އެކަމަށް އެއްވެސް ފަރާތަކުން ޝައްކުކުރައްވާނެ ކަމެއް ނެތް. އަޅުގަނޑުމެންގެ ހުރިހާ ސަމާލުކަމެއް މިކަމަށް ދީގެން މި ބަލަނީ އިންތިހާބު އަމާން އޮމާން ކަމާ އެކު ބޭއްވޭތޯ." އަހުމަދު މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބާ ދިމާކޮށް ރާއްޖެ އާއި މާލޭގައި އެކި ސަރަހައްދުތަކުގައި ކެމްޕޭނުގައި ހިންގާ ނޭދެވޭ އަމަލްތަކާ ގުޅިގެން ވަރަށް ގިނަ ޝަކުވާތައް ފުލުހުންނަށް ލިބެމުންދާ ކަމަށާއި އެ ގޮތުން ތިން މައްސަލައެއް ފުލުހުން ނަށް ހުށަޅާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުންދާތީ އެ ކަމުގެ ތަފްސީލެއް އަހުމަދު މުހައްމަދު ނުދެއްވި އެވެ.
ޑީއާރުޕީން މިދިޔަ އާދިއްތަ ދުވަހު ބުނެފައި ވަނީ އެ ޕާޓީގެ މެންބަރުންނަށާއި ޖަގަހަކަތައް ދެމުންދާ ހަމަތާތައް ފުލުހުން ނަށް ހުށަހަޅާފައިވާ ކަމަށެވެ.
ކެމްޕެއިން ކުރާ ފަރާތްތަކަށް އިލްތިމާސް ކުރައްވަމުން އަހުމަދު މުހައްމަދު އިތުރަށް ވިދާޅުވީ "ފުލުހުން އެދެނީ ހުރިހާ ފަރާތަކުން ވެސް އެކުވެރި ޖައްވެއްގައި އެހެނަސް ވާދަވެރި ރޫހެއްގައި ކެމްޕެއިން ކުރިއަށް ގެންދިއުން" ކަމަށެވެ. "އެހެނަސް މުޖުތަމައުގެ އާންމު މަސްލަހުތު ގެއްލޭ ގޮތަށް ފުރުސަތު އަޅުގަނޑުމެން ނުދޭނެ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.