05 Apr 2010, 11:03
14:30
އަމިއްލަ ޖަމާއަތަކުން ގެނެސްފައިވާ ސްރީލަންކާ މީހަކަށް ދީނީ ދަރުސްދިނުމުގެ ހުއްދަ ނުދޭ ގޮތަށް ނިންމީ ސަރުކާރުން ޤަބޫލްކުރާ ފެންވަރުގެ ސެޓްފިކެޓެއް ނެތުމުން ކަމަށް އިސްލާމިކް އެފެއާޒުން މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓަރުގެ ނައިބް މުހައްމަދު ފާރޫޤް މިއަދު ވިދާޅުވީ ދާރުލް އިލްމުގެ ފަރާތުން ރާއްޖެ ގެނެސްފައިވާ ޔަހުޔާ ސިލްމީ އަށް ދަރުސްދިނުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާއިރު ސަރުކާރަށް ޤަބޫލްކުރެވޭ ފަދަ ޔުނިވާސިޓީއަކުން ހޯދާފައިވާ ސެޓްފިކެޓެއް ހުށަހަޅާފައިނުވާތީ، އޭނާ އަށް ދަރުސް ދިނުމުގެ ހުއްދަ ދެވެން ނެތްކަން އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެ ޖަމާއަތުން ފޮނުވި ސިޓީގެ ޖަވާބު ދިނުމުގެ ކުރިން އޭނާ ދަރުސެއް ދީފައިވާ ކަމަށް ވެސް ފާރޫޤް ވިދާޅުވި އެވެ.
ފާރޫޤް އިތުރަށް ވިދާޅުވީ ދީނީ ދަރުސް ދިނުމާ ބެހޭ އާ ގަވާއިދުގެ ޑްރާފްޓް މިހާރު އެކުލަވާލައި އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައިވާ ކަމަށާއި އަދި އެ ގާވާއިދު ނުލިބި ލަސްވަމުންދާތީއާ ބައެއް ފަރާތްތަކުން އެކަމުގެ ޝަކުވާ ކުރަމުންދާތީ، އާ ގަވާއިދަށް އަމަލް ކުރެވެންދެން ކުރިން އަމަލްކުރަމުން ގެންދިޔަ ގޮތަށް އަމަލްކުރަމުން ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށެވެ.