27 Nov 2014, 15:48
ގ. ވޭރު އަބްދުލް މުހީތު މަރާލި މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންނާ ދެކޮޅަށް ޝަރީއަތަށް ހުށަހަޅާފައިވާ ފޯންކޯލް ރެކޯޑިންގްއާ ބެހޭގޮތުން ފުލުހުންގެ ފޮރެންސިކް އެކްސްޕާޓަކު ޝަރީއަތަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.
މުހީތު މަރާލި ކަމަށް ތުހުމަތު ކުރެވޭ ގދ. ގައްދޫ އަބުލަޢީގޭ މުހުޖަތު އަހްމަދު ނާސިހު އާއި ސ. މަރަދޫ ސަލްޓަންސްވިލާ އަލީ މުޝައްފައުއާއި އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫންގެ މައްޗަށް ކުރާ ޝަރީއަތުގައި މިއަދު ބޭއްވި އަޑުއެހުމަށް ހާޒިރުކޮށްފައި ވަނީ ފުލުހުންގެ ފޮރެންސިކް އެކްސްޕާޓެއް ކަމުގައިވާ އަމީން އަބްދުލް ގައްޔޫމެވެ.
ދައުވާ ލިބެ މީހުންގެ ފޯން ކޯލް ރެކޯޑިންގް މެލޭޝިޔާއަށް ފޮނުވައި ތައްޔާރުކޮށްފައިވާ ވޮއިސް ރެކޮގްނިޝަން އެނަލިސިސް ރިޕޯޓާ ބެހޭގޮތުން ދައުލަތުންނާއި ދައުވާ ލިބޭ ފަރާތްތަކުން ވަނީ އަމީންއާ ސުވާލުކުރައްވާފައެވެ.
ދައުލަތުގެ ވަކީލާ ކުރެއްވި ސުވާލުގެ ޖަވާބުގައި އަމީން ވިދާޅުވީ ފޯންކޯލް ރެކޯޑިންގްތައް ތަހުލީލު ކުރުމަށް މެލޭޝިޔާ އަށް ފޮނުވާފައި ވަނީ ރާއްޖޭގައި އެފަދަ ރިސޯސަސްނެތުމުން ކަމަށެވެ. ރާއްޖެއިން ބޭރަށް ފޮނުވުމުގައި މެލޭޝިޔާ ކަނޑައެޅީ އެގައުމަކީ އެންމެ ރަނގަޅަށް ފޯންކޯލް ރެކޯޑިންގްތައް ތަހުލީލު ކުރެވޭނެ ގައުމެއް ކަމަށް އެނގޭތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަމީން ވިދާޅުވީ މެލޭޝިޔާ އަށް ރެކޯޑިންގްތައް ފޮނުވާފައި ވަނީ ފޮރެންސިކް ޑިޕާޓްމަންޓުގައި މަސައްކަތް ކުރައްވާ އެހެން ފުލުހެއްގެ ހަވާލުގައި ކަމަށެވެ.
އެ ރިޕޯޓުގައި ދެކޮޅަށް ކިރޭ މައުލޫމާތުތަކެއް ހުރި ކަމަށް ގަބޫލު ކުރައްވަންތޯ ދައުވާ ލިބޭ މުހުޖަތާއި މުޝައްފައުގެ ވަކީލު ދެންނެވުމުން އަމީން ވިދާޅުވީ އެފަދަ މައުލޫމާތެއް އެ ރިޕޯޓުގައި ނުވާނެ ކަމަށެވެ.
މުހުޖަތާއި މުޝައްފައުގެ އިތުރުން މައިމޫންގެ ވަކީލު ވެސް ވަނީ އެ ރިޕޯޓުގެ ތަރުޖަމާއަށް ބެލުމަށްފަހު އެ ރިޕޯޓަކީ ސައްޚަ އެއްޗެއް ކަމުގެ ގެރެންޓީ ނުދެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވެ އެ ރިޕޯޓު ޝަރީއަތަށް ބަލައި ނުގަތުމަށް އެދިފައެވެ. އެހެންނަމަވެސް ދައުލަތުގެ ވަކީލު ވަނީ ދިފާއީ ވަކީލުން ނެންގެވި އެ ނުކުތާއަށް ރައްދުދެއްވައި، އެ ރިޕޯޓަކީ ޝަރީއަތަށް ބަލައިގަނެވޭނެ ސައްޚަ ރިޕޯޓެއް ކަމަށް ދައުލަތަށް ފެންނަ ކަންތައްތައް ޝަރީއަތަށް ހާމަކޮށްފައެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މުހުޖަތާއި މުޝައްފައުގެ ދިފާއީ ވަކީލު ވަނީ ދައުވާ ލިބޭ މީހުން ބަންދުން ދޫކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އެހެންނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލައިގެ ބާވަތުން ދައުލަތުން ބޭނުންވަނީ ޝަރީއަތް ނިމެންދެން އެ މީހުން ބަންދުގައި ބައިތިއްބަން ކަމަށެވެ.
ވަޅިން ހަމަލާދީ މުހީތު މަރާލާފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ (ހޮނިހިރު ދުވަހުގެ ރޭ ދަންވަރު) 1:50 އެހާކަށް ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭ ސައިކަލެއްގެ މަތީގައި އޭނާ އިންދަ އެވެ.
އޭނާ މަރާލި ކަމުގެ ތުހުމަތުގައި ޖުވެނައިލް ކޯޓުގައި ތިން ކުއްޖެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލިއެވެ. އޭގެތެރެއިން ދެ ކުއްޖެއްގެ މައްޗަށް ކުށްސާބިތުވެ، އެ ދެ ކުދިން މެރުމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.