27 Nov 2014, 15:12
ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ)ގެ ސްޕޯކްސް ޕާސަންގެ މަގާމަށާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންފޮމޭޝަން އޮފިސަރު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ބޭފުޅުން ކަނޑައަޅުއްވައިފި އެވެ.
ފުލުހުން ބުނީ، ސީޕީގެ ސްޕޯކްސް ޕާސަންގެ މަގާމަށް ކަނޑައަޅުއްވާފައި ވަނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ކަމަށެވެ. ޝިފާން އަކީ މިހާރު ޑްރަގް ޑިޕާޓްމަންޓްގެ ވެރިޔާ ވެސް މެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް ކަނޑައަޅުއްވާފައި ވަނީ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރު އިސްމާއިލް އަލީ އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރު އިސްމާއިލް ޢަލީ ކަނޑައަޅުއްވާފައި ވަނީ 2014 ޖުލައި 12 ވަނަ ދުވަހު ޢަމަލުކުރަން ފެށި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ރައްޔިތުންނަށް މައުލޫމާތު ދޫކުރުމުގެ މަސްއޫލިއްޔަތު އުފުލާނެ އިންފޮމޭޝަން އޮފިސަރެއް ނުވަތަ އިންފޮމޭޝަން އޮފިސަރުން ދައުލަތުގެ ކޮންމެ އިދާރާއެއްގައި އެ އިދާރާގެ އެންމެ އިސްވެރިޔާ ކަނޑައަޅާންވާނެ ކަމަށް ބުނެފައިވާތީ އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރު އިސްމާއިލް ޢަލީ ކަނޑައަޅުއްވާފައި ވަނީ މިއަދުން ފެށިގެންނެވެ. 2014 ޖުލައި 12 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި ކޮމިޝަނާ އޮފް ޕޮލިސް ޙުސައިން ވަޙީދު ކަނޑައަޅުއްވާފައި ވަނީ ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ހަސަން ހަނީފް އެވެ.
މި ދެ މަގާމަށް މި ބޭފުޅުން އައްޔަން ކޮށްފައިވަނީ މިހާރު އެބޭފުޅުން މޯލްޑިވްސް ޕޮލިސް ސާވިސްގައި އަދާކުރަމުންދާ މަސްއޫލިއްޔަތުގެ އިތުރުންނެވެ.