27 Nov 2014, 14:54
ޗެންޕިއަންސް ލީގުގައި ރޭ ބާސެލް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ރެއާލް މެޑްރިޑް މުބަރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައި ވާއިރު، ލިވަޕޫލާއި ލުޑޮގޮރެޓްސް ބައްދަލުކުރި މެޗު އެއްވަރުކޮށް ގްރޫޕް 'ބީ' ގެ ތާވަލްގެ ދެވަނައަށް ޖެހިލުމުގެ ފުރުސަތު ލިވަޕޫލް ބޮޑުކޮށްފި އެވެ.
ރެއާލް މެޑްރިޑް އާއި ބާސެލް ރޭ ބައްދަލުކުރި މެޗު ރެއާލް ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. އަދި ލިވަޕޫލާއި ލުޑޮގޮރެޓްސް ބައްދަލުކުރި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ.
ރޭ ލިވަޕޫލް ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނަގާފައި ވަނީ ލުޑޮގޮރެޓްސް އެވެ. މެޗުގެ ތިންވަނަ މިނެޓުގައި އެ ޓީމްގެ ޑެނީ އަބަލޯ އެ ޓީމަށް ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައި ވާއިރު، ލިވަޕޫލް ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ މެޗުގެ އަށްވަނަ މިނެޓުގައި ރިކީ ލޭމްބާޓް އެ ޓީމަށް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މެޗުގެ 37 ވަނަ މިނެޓުގައި ލިވަޕޫލްގެ ޖޯޑަން ހެންޑަސަން އެ ޓީމަށް ލީޑު ހޯދަދީފައި ވާއިރު، ލުޑޮގޮރެޓްސް ފަހަތުން އަރައި މެޗުގެ ނަތީޖަ އެއްވަރު ކުރީ މެޗުގެ 88 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯޖީ އައިކޮވް އެވެ.
ރެއާލް އާއި ބާސެލް ކުޅުން މެޗުގައި ރިއާލަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ މެޗުގެ 35 ވަނަ މިނެޓުގައި އެޓީމްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ލަނޑާއެކު ރޮނާލްޑޯއަށް މިހާރު އެ ލީގުގައި ކާމިޔާބު ކުރެވިފައި ވަނީ މުޅިއެކު 72 ލަނޑެވެ. މިއީ ގިނަ ދުވަސް ތަކެއް ވަންދެން ޗެންޕިއަންސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހިފެއްޓި ރައުލް ގޮންޒާލެސް އާއި ލަނޑުގެ ގޮތުން ހަމަހަމަ އަދަދެކެވެ. ރާއުލްގެ ރިކޯޑް ހެޓްރިކާކާއި އެކު މީގެ ދެ ރޭ ކުރިން މުގުރާލި ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ ވަނީ މި ލީގުގައި މިހާތަނަށް މުޅިއެކު 74 ލަނޑު ކާމިޔާބު ކޮށްފައެވެ.
ޗެންޕިއަންސް ލީގް ގްރޫޕް 'ބީ' ގެ ތާވަލްގެ އެންމެ ކުރީގައި މުޅިއެކު 15 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑެވެ. މި މުބާރާތުގައި މިފަހަރު ބައިވެރިވި 32 ޓީމުގެ ތެރޭން ހުރިހާ ޓީމެއްވެސް ފަސް މެޗު ކުޅެފައި ވާއިރު، އަދި މިހާތަނަށް ފަސް މެޗު ކާމިޔާބު ކުރެވިފައި ވަނީ ހަމައެކަނި ރެއާލް އަށެވެ. އެ ޓީމާ އެންމެ ގާތުން ވާދަކުރާ ގްރޫޕް 'އެޗް'ގެ ޕޯޓޯ ހަތަރު މެޗު ކާމިޔާބުކޮށް އެއްމެޗުން އެއްވަރުވެފައި ވާއިރު، ގްރޫޕް 'ޖީ' ގެ ޗެލްސީ ވަނީ ފަސް މެޗުގެ ތެރޭން ތިން މެޗު ކާމިޔާބުކޮށް، ދެ މެޗުން އެއްވަރުވެފައެވެ.
ރެއާލް އާއި އެއް ގްރޫޕެއްގައި ހިމެނޭ ލިވަޕޫލަށް މިފަހަރުގެ މުބާރާތުގައި ކާމިޔާބު ކުރެވިފައި ވަނީ އެންމެ މެޗެކެވެ. އަދި އެ ޓީމް އެއް މެޗުން އެއްވަރު ވެފައި ވާއިރު، އަނެއް ތިން މެޗުން އެ ޓީމް ވަނީ ބަލިވެފައެވެ. މި ނަތީޖާއާއެކު މުޅިއެކު ހަތަރު ޕޮއިންޓް ލިބިފައިވާ ލިވަޕޫލް އޮތީ ގްރޫޕް 'ބީ' ގެ ތާވަލްގެ ތިންވަނައިގައެވެ. ތަވަލްގެ ދެވަނަ މަގާމް ހަ ޕޮއިންޓާއެކު ބާސެލް ހާސިލްކޮށްފައި ވާއިރު، ތާވަލްގެ އެންމެ ފުލުގައި ޕޮއިންޓްގެ ގޮތުން ލިވަޕޫލާ ހަމަހަމަ ލުޑޮގޮރެޓްސް އޮތީ ގޯލް ޑިފަރެންސްގެ ގޮތުން ލިވަޕޫލަށްވުރެ އެންމެ ލަނޑެއް ދަށުގައެވެ.