މިސްރުގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުމަށްޓަކައި މިސްރުގެ ރައްޔިތުން ކުރަމުންގެންދާ މުޒާހަރާތަކާއި އިޙްތިޖާޖްތަކަށް ތާއީދުކޮށް ހިއްވަރު ދިނުމުގެ ގޮތުން ޢަރަބި ޤައުމުތަކުގައާއި ޔޫރަޕާއި އެމެރިކާގެ ކަންކޮޅުތަކުގައިވެސް އެތަށްހާސްބަޔަކު އިއްޔެއާއި މިއަދު މުޒާހަރާތައް ކުރަމުން އެބަގެންދެއެވެ.

މިޤައުމުތަކުގައި މިސްރުގެ ރައްޔިތުންނަށް ހަމްދަރްދީ ފާޅުކޮށް މުބާރަކްގެ ޚުދުމުޚްތާރު ނިޒާމާދެކޮޅަށް ރުޅިވެރިކަމުގެ ޝުޢޫރުތައް ފާޅުކުރަމުން ގެންދަނީ އެޤައުމުތަކުގައި ދިރިއުޅޭ މިސްރު ދަރިކޮޅުގެ މީހުންނާއި ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އެޤައުމުތަކުގެ މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނާއި ވަކިވަކި ފަރުދުންނެވެ.

އެމެރިކާ: މުބާރަކްގެ ނިޒާމާ ދެކޮޅަށް ނިޔުޔޯކްގައި ދެހާހެއްހާ މީހުން އދ. ގެ މައިއޮފީހުގެ ކުރިމަތީގައި މުޒާހަރާކޮށް މިސްރުގެ ރައްޔިތުންނާ އެއްބައިވަންތަކަމުގެ ޝުޢޫރުތައް ފާޅުކޮށްފައިވެއެވެ. އަދި ވޮޝިންޓަންގައި ހުންނަ މިސްރުގެ އެންބަސީގެ ކުރިމަތީގައާއި ވައިޓަހައުސް ގެ ކުރިމަތީގައިވެސް އެތަށް ސަތޭކަބަޔަކު އެމެރިކާގެ ސަރުކާރަށާއި މިސްރު ސަރުކާރާ ދެކޮޅަށް އަޑުއުފުލިއެވެ.

އިނގިރޭސިވިލާތް: މިސްރުގެ ރައްޔިތުންނަށް ތާއީދުކޮށް މުޒާހަރާކުރީ ލަންޑަންގައި ހުންނަ މިސްރުގެ އެންބަސީގެ ކުރިމަތީގައެވެ. މިމުޒާހަރާގައި ފަސްވަރަކަށް ހާސްމީހުން ބައިވެރިވި ކަމަށް ޚަބަރުތައް ބުނެއެވެ. މީގެތެރޭގައި ގިނައީ އިނގިރޭސިވިލާތުގައި ދިރިއުޅޭ މިސްރުގެ ދަރިކޮޅުގެ މީހުންނެވެ.
ފަރަންސޭސިވިލާތް : ޕެރިހުގައި މުބާރަކްގެ ނިޒާމާ ދެކޮޅަށް އަޑުއުފުލިމީހުން މިސްރުގެ އެންބަސީއަށް ވަދެގަތުމަށް މަސައްކަތްކުރިއެވެ. ނަމަވެސް ފަރަންސޭސިފުލުހުންވަނީ މިކަން މަނާކޮށް އެންބަސީ ޙިމާޔަތްކޮށްފައެވެ. މިމުޒާހަރާގައި އެތަށް ސަތޭކަބަޔަކު ބައިވެރިވިއެވެ.

އިޓަލީ : އިޓަލީގައި މުބާރަކާ ދެކޮޅަށް އަޑުފުލުމީހުން މީހުން ޢަރަބި ބަހުންނާއި އިޓަލީ ބަހުން ލިޔެފައިވާ ފޮތިގަނޑުތައް އުފުލައި މުބާރަކް ވައްޓާލުމަށް ގޮވާލިއެވެ.
ޖަރުމަނުވިލާތް: ބަރލިންގައިވެސް އެތަށް ސަތޭކަބަޔަކު މުބާރަކްގެ ނިޒާމާ ދެކޮޅަށް އަޑުއުފުލައި މިސްރުގެ ރައްޔިތުންނާ ހަމްދަރްދީވާކަން ހާމަކުރިއެވެ.

ސްޕޭން : ސްޕޭންގައި މުޒާހަރާކުރި މީހުންގެ ޢަދަދުވެސް އެތަށް ސަތޭކައަކުން ގުނާލެވެއެވެ.

ޢަރަބި ޤައުމުތައް: ޢަރަބި ޤައުމުތަކުގެ ރައްޔިތުންގެ މެދުގައި މިސްރުގެ ވެރިކަމާދެކޮޅު ރޫޙު ވަރަށް ބޮޑެވެ. ޢަރަބި ގިނަ ޤައުމުތަކުގެ ރައްޔިތުންނަކީވެސް މިސްރުގެ ރައްޔިތުން ފަދައިން ބަދަލަށް ބޭނުންވެފައިވާ އަދި ޚުދުމުޚްތާރު ނިޒާމްތަކުން މިނިވަންކަން ބޭނުންވެފައިވާ ރައްޔިތުންތަކެކެވެ.

މުބާރަކާ ދެކޮޅަށް މުޒާހަރާތައް ބާއްވަމުންގެންދާ ޢަރަބި ޤައުމުތަކުގެ ތެރޭގައި އުރުދުން، އަލްޖަޒާއިރު، ޔަމަން، ތޫނިސް، ލުބްނާން، ސަޢޫދީ އަރަބިޔާ، ޤަތަރު މޮރިޓޭނިޔާ އަދި އިސްރާއީލުގެ އަޅުވެރިކަމާއި އިސްތިޢްމާރުގެ ދަށުގައި ވޭންތައް އުފުލަމުންދާ ފަލަސްތީނުގެ ރައްޔިތުން ހިމެނެއެވެ.
(އަލްޖަޒީރާ)