ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުރާ އަނިޔާތަކުން އެކުދިން ރައްކާތެރިކުރުމަށް، އެފަދަ ކުދިންގެ ހައްގުގައި މަސައްކަތްކުރާ ހުރިހާ މުއައްސަސާތައް ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ފަށައިފި އެވެ.

ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގައި ފަށާފައިވާ އެ ބައްދަލުވުމުގެ ތެރެއިން---ސަން ފޮޓޯ: އަހުމަދު ޝަރުވާން

ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގައި ފަށާފައިވާ އެ ބައްދަލުވުމުގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުރާ އަނިޔާތަކުން އެކުދިން ރައްކާތެރިކުރުމަށް ރާއްޖޭން ބޭރު ގައުމުތަކާ އެކީގައި ކުރި މަސައްކަތުން، ޖެންޑާ މިނިސްޓްރީއަށް ކުރެވިފައި ހުރި ތަޖުރިބާ ތަކާއި، އެކުދިންގެ ހައްގުގައި މަސައްކަތް ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރާނެ އެވެ.

ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ލޯ އެންޑް ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ، ސާކްގެ ބައެއް ކަމަށްވާ ސައިވާކްގެ ދަށުން ކުރާ މަސައްކަތުން، ކުޑަކުދިންނަށް ދެވޭ އަނިޔާތަކުން ކުދިން ރައްކާތެރިކޮށް ހިމާޔަތް ކުރުމުގައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިފަހަރުގެ މަސައްކަތް އަމާޒުކުރެވިގެން ދާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އެފަދަ އާއިލާތަކަށް ކަމަށެވެ.
ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގައި ފަށާފައިވާ އެ ބައްދަލުވުމުގެ ތެރެއިން---ސަން ފޮޓޯ: އަހުމަދު ޝަރުވާން

އެގޮތުން އާންމުކޮށް ކުޑަކުދިން ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އެކި ސަބަބުތަކާ ހުރެ ނުކުޅެދުންތެރިކަން ހުންނަ ކުދިން ބައެއް ފަހަރު "ކައްސާލައިގެންދާ" ކަމަށާއި އެގޮތަށް އެކަން ވަނީ އެކުދިންނަށް އެހީވުމުގައި އެހެން ކުދިންނާ ތަފާތުތަކެއް ހުންނާތީ ކަމަށް ޝިދާތާ ވިދާޅުވި އެވެ. އެހެންކަމުން އެފަދަ ކަންކަން ހައްލު ކުރުމަކީ އެ ބައްދަލުވުމުގެ އެއް ބޭނުންކަމަށްވެސް ޝިދާތާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ސަމާލުކަމެއް ދީގެން އެފަދަ ކުދިންނަކީ މުޖުތަމައުގައި ބޭނުންތެރި ބަޔަކަށް ހެދުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ.
ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގައި ފަށާފައިވާ އެ ބައްދަލުވުމުގެ ތެރެއިން---ސަން ފޮޓޯ: އަހުމަދު ޝަރުވާން

އެގޮތުން އެފަދަ ކުދިންނަށް ވީހާވެސް ގިނައިން ތައުލީމުގެ ފުރުސަތުތައް ހޯދައިދީ އިގްތިސޯދީ ގޮތުން އެކުދިންނަކީ ބޭނުންތެރިބަޔަކަށް ހަދައި، ގައުމުގައި ބޭނުންތެރި ބަޔަކަށް ހެއްދެވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށް އަނިލް ފާހަގަކުރެއްވި އެވެ.

އެއްދުވަހުގެ މުއްދަތައް ކުރިއަށްގެންދާ އެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީ އާއި ޔުނިސެފްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުގައި މަސައްކަތްކުރާ ހުރިހާ މުއައްސަސާތައް ބައިވެރިވެ އެވެ.