ނޫސްވެރިންގެ އަޚްލާގީ މިންގަނޑު މާދަމާ އިއުލާނުކުރެވޭނެ ކަމަށް މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ނަޒީފް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންގެ ކޯޑް އޮފް އެތިކްސް ނުވަތަ އަޚްލާގީ މިންގަނޑުގެ ޑްރާފްޓަށް އިސްލާހު ހުށަހެޅުމަށް ޓްރޭޑާސް ހޮޓެލްގައި ކުރިއަށްދާ އެ ބައްދަލުވުމާ ގުޅޭ ގޮތުން މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ނަޒީފް ވިދާޅުވީ، މީޑިއާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން އެ ބައްދަލުވުމުގައި ބައިވެރިވާ ކަމަށެވެ. އަދި އަދި ގްރޫޕްތަކުގައި ބައިވެރިން މަޝްވަރާކޮށް، އިސްލާހު ހުށަހަޅަމުންދާ ކަމަށް ވެސް ނަޒީފް ވިދާޅުވި އެވެ.

"ގްރޫޕްތަކުގެ މަޝްވަރާތައް ހެނދުނުން ފެށިގެން ކުރިއަށް މިދަނީ. ދެން ގްރޫޕްތަކުން ހަމަ ވަރަށް ގަދައަށް މަސައްކަތްކުރަމުން އެބަ ގެންދޭ. މި ބެލެވެނީ އަޅުގަނޑުމެންނަށް މާދަމާ ފައިނަލް ޑްރާފްޓް ނެރެވޭނެ ކަމަށް،" ނަޒީފް ވިދާޅުވި އެވެ.

ޖެނުއަރީ 17، 2011 ގައި ގެޒެޓްކުރި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގަވާއިދުގައިވާ ގޮތުގައި، އެ ގަވާއިދު ގެޒެޓްކުރާތާ 30 ދުވަހުގެ ތެރޭގައި ނޫސްވެރިންގެ އަޚްލާގީ މިންގަނޑު އާއްމުކުރަން ޖެހެ އެވެ. އެ މިންގަނޑަށް ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން އަމަލުކުރުން ލާޒިމުވާނެ ކަމަށް މީޑިއާ ކައުންސިލުގެ ގަވާއިދުގައިވެ އެވެ.