ހދ. ނޭކުރެންދޫ ގެއެއްގެ ފުރާޅު މަތިން ވެއްޓި 16 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެ އެވެ.

ނޭކުރެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސިޒާން 'ސަން'އަށް މިއަދު ވިދާޅުވީ، ދެ ބުރިއަށް ހަދަމުންދިޔަ ގެއެއްގެ ފުރާޅުގައި ޓިނު ޖެހުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވެއްޓި މަރުވީ އެރަށު ވިނަރެސް، އަހުމަދު ވިޝާމް 16، ކަމަށެވެ. ވިޝާމް މަރުވީ އޭނާއަށް އިތުރުފަރުވާ ދިނުމަށް އެ އަތޮޅު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ރޭ 1:00 ގައެވެ.

ކައުންސިލަރު ސިޒާން ވިދާޅުވީ، އިއްޔެ 5:55 ކަންހާއިރު އެހާދިސާ ހިނގީ ވިޝާމް އެއްވެސް ކަހަލަ ސޭފްޓީއެއް އެވަގުތު ބޭނުން ނުކޮށް ހުއްޓައި ފުރާޅުމަތިން ކައްސާލައިގެން ވެއްޓި ކަމަށެވެ.

"ގެ އެއްކޮށް ނިންމައި ފުރާޅުގައި ޓިނު ޖެހުމުގެ މަސައްކަތް ކުރަމުންދިޔައީ. އެއް ޓިނުގަނޑަށް ފެންޖަހާފައި ފެން ނެތް ޓިނުގަނޑުމަތީ ހުއްޓައި ކަމަށް މަންޒަރު ދުށް މީހުން ބުނީ ވެއްޓުނީ،" ސިޒާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިދިޔަ އަހަރު އޯލެވެލް ނިންމި ވިޝާމް ފުރާޅުމަތިން ވެއްޓި ބިންމަތީގައި ޖެހުމުގެ ސަބަބުން އޭނާގެ ފައިގެ ފަލަމަސްގަނޑާ ދިމާލުން ބިނދި ކަނާތު އަތް ވެސް އޮތީ ބިނދިފަ އެވެ. އަދި ވިޝާމްގެ ފުއްޕާމެއާއި ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް އޭނާ ބެއްލެވި ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށް ވެސް ސިޒާން ވިދާޅުވި އެވެ.