ގަން ބަލަހައްޓާ ޔުނިޓުގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރި މައްސަލަ ބޮޑުކަމަކަށް ހަދަން މަސައްކަތް ކުރީ ސިޔާސީ ބައެއް އަޑީގައި ތިބެގެން ވަކި މަގުސަތުތަކެއް ހާސިލް ކުރުމަށް ކަމަށް ހޯމް މިނިސްޓަރު ހަސަން އަފީފް މިއަދު ދުހުމަތު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު 2009 ވަނަ އަހަރު އުފެއްދެވި ގަން އެއާޕޯޓް ކޮމްޕެނީއާ ގަމުގެ ކަންތައްތައް ހަވާލުކޮށް، ގަން ބަލަހައްޓާ ޔުނިޓް އުވާލާފައިވުމުން އެތަނުގެ ދަށުގައި ތިބި ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން 95 މުވައްޒަފަކު މިދިޔަ ބުދަ ދުވަހު ވަޒީފާ އިން ވަކިކުރި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ހާމަކުރުމަށްޓަކައި މިއަދު އެ މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން އަފީފު ވިދާޅުވީ އެކަން މައްސަލައަކަށް ހަދަން މަސައްކަތް ކުރީ ގަން ބަލަހައްޓާ ޔުނިޓުގައި މަސައްކަތް ކުރި މުވައްޒަފުން ނޫން ކަމަށާއި އެއީ ސިޔާސީ ބަޔަކު ފަހަތުގައި ތިބެގެން އެމީހުން ލައްވައި އެކަން ކުރުވި ކަމެއް ކަމަށެވެ. އަދި އެމީހުން ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާއި ގަވާއިދާ އެއްގޮވާ ގޮތުގެ މަތިން ކަމަށް އަފީފު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

"އެމީހުނެއް ނޫން މައްސަލަ އުފައްދަނީ. އެމީހުން ލައްވައި ބަޔަކު މައްސަލަ އުފެއްދީ. ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިއީ ކޮންދަޑިވަޅެއްކަން. އެހެންވެ މި ދަނޑިވަޅުގައި ބަޔަކު ސިޔާސީ ބޭނުމެއްގެ ފައިދާ ނަގަން އެމީހުންލައްވައި އެކަންތައް ކުރުވީ. ވަރަށް ބޮޑު ކަންތައް ގަނޑެއް ކުރަންކަމަށް. އެކަމަކު އިރާދަފުޅުން އެހެނެއް ނޫން އެކަންތައް ވީކީ،" އަފީފު ވިދާޅުވި އެވެ. "އަށް މަސް ދުވަސް ވެއްޖެ އެމީހުންނަށް އެނގޭ އެމީހުންނަށް އެހެންކަން ވާނީ. އެއާޕޯޓްސް ކުންފުނީގެ ވަޒީފާ ނެތިއްޔާ އެމީހުން ވަޒީފާ އިން ވަކި ވާނެ ކަން އަޅުގަނޑުމެން މިއައީ އެމީހުން ކައިރި ބުނަމުން،"

ގަން ބަލަހައްޓާ އޮފީހުން ވަޒީފާ އިން ވަކިކުރި މައްސަލައިގައި އެ މުވައްޒަފުން ވަޒީފާ އިން ވަކިކުރީ ގަވާއިދާ ހިލާފަށް ކަމަށް އެ މީހުން ބުނާ ވާހަކަތައް ދޮގުކުރައްވަމުން ހޯމް މިނިސްޓްރީގެ ޕާމެނެންޓް ސެކްރެޓަރީ މަރިޔަމް ވަހީދާ މިއަދު ވިދާޅުވީ ގަން ބެލެހެއްޓުމަށް ކުންފުންޏެއް ހަދައި ދޫގަސް ހޮޓާ ވެސް އަމިއްލަ ފަރާތަކަށް ކުއްޔަށް ދިނުމުން އެ ހުރިހާ މުވައްޒަފުންނަށް ވެސް ކުންފުނީގެ ދަށަށް ދިޔުމަށް ނޫނީ ސިވިލް ސާވިސްގެ ދަށުގައި ދެމި ތިބުމަށް ފުރުސަތު ދެއްވި ކަމަށެވެ. އަދި ހުރިހާ މުވައްޒަފުން ވެސް ވަޒީފާ އިން ވަކިކޮށްފައި ވަނީ އެމީހުންނަށް ގާނޫނުން ދޭން ޖެހޭ އިނާޔަތާއި މުސާރަ ވެސް ދިނުމަށް ފަހު ކަމަށް ވަހީދާ ވިދާޅުވި އެވެ.

"ވަޒީފާ އިން ވަކި ކުރެވުނީ އިނާޔަތް ނުދީއެއް ނޫން. އެމީހުންނަށް ތިން މަސް ދުވަހުގެ ނޯޓިސްގެ ފައިސާ އާއި އަދި އެމީހުން ހިދުމަތް ކޮށްފައި ހުރި މުއްދަތަށް ގަނޑުކޮށްދެވޭ އެމައުންޓަކާއި އަދި އަހަރީ ޗުއްޓީގެ ތެރެއިން ނުނަގައި ބާކީ ހުރި ދުވަސްތަކަށް ފައިސާ ދީފައި. އަޅުގަނޑުމެން އޯވަނައިޓުން [ރޭވެފައި އިރު އެރި އިރު] އެމީހުން ވަޒީފާ އިން ވަކިކުރީއަކީ ނޫން،" ވަހީދާ ވިދާޅުވި އެވެ.

އެހެންނަމަވެސް ކުރީގެ ގަން ބަލަހައްޓާ އޮފީހުން ވަޒީފާ އިން ވަކި ކުރި މުވައްޒިފުން ބުނެފައި ވަނީ އެމީހުން ވަޒީފާ އިން ވަކިކޮށްފައި ވަނީ ކުރިން ނޯޓިސް ދިނުމަކާ ވެސް ނުލައި އެއްވެސް އިނާޔަތްތަކެއް ވެސް ނުދީ ކަމަށެވެ. ވަޒީފާ އިން ވަކި ކުރި އެމީހުން ވަނީ ހޯމް މިނިސްޓަރު ގަމަށް ވަޑައިގަތުމުން ހޯމް މިނިސްޓަރަށް ހުރަސްއަޅައި ގަން ބަލަހައްޓާ އޮފީސް ކުރިމަތީގައި މުޒާހަރާ ވެސްކޮށްފަ އެވެ.