ދައުލަތަށް ނަގަން ބޭނުންވާ ލޯނެއް ނެގުމަށް މަޖިލީހުގެ ރުހުން ނުލިބި ގިނަ ދުވަސް ވާތީ ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ އިތުބާރު ގެއްލޭ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމާއި ގުޅޭގޮތުން މިއަދު އިގްތިސާދީ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ ގާނޫނު ބައްޓަން ކުރުމަކީ ރައްޔިތުންނަށް ބެނުންވާ ކަންކަމަށް ބުރޫއަރާ ގޮތަށް ގާނޫނު ބައްޓަން ކުރުން ނޫން ކަމަށެވެ.

ޖިހާދު ވިދާޅުވީ މާލިއްޔަތު ގާނޫނު ބުނާގޮތުން ދައުލަތަށް ބޭނުންވާ ފައިސާ ވީ އެންމެ އަވަހަކަށް ލިބެން ޖެހޭނެ ކަމަށެވެ.

މަޖިލީހުން ބަޖެޓު ފާސްކުރުމުން އެބަޖެޓުގައިވާ ވަކި ވަކި ލޯނަށް މަޖިލީހަށް ހުށަހަޅަން ޖެހޭތީ އުނދަގޫވާ ކަމަށް ޖިހާދު ވިދާޅުވި އެވެ.

"މިގޮތަށް ހުށަހަޅަން ޖެހުނީމަ ވާގޮތަކީ ބަޖެޓުން އަޅުގަނޑުމެން ކުރަން ބޭނުންވާ ކަންތައް ނުވޭ. 2013ވަނަ އަހަރު އެންމެ ލޯނެއް ފާސްކުރަން ގާތްގަނޑަކަށް 9 މަސް ނެގި. ދުނިޔޭގެ އެއްވެސް ގައުމަކުން ބޭންކަކުން އެ ލާރި ހިފަހައްޓާފައި އެއް ނުތިބޭނެ. އެހެން ކަންތައްވާތީ ބޭންކުތަކުން ދައުލަތާއި ދޭތެރޭ ދެކޭ ގޮތް ވަރަށް ތަފާތުވާނެ،" ޖިހާދު ވިދާޅުވި އެވެ.

ތ.ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރައްޔިތުންނާއި އެންމެ ގުޅެނީ ޕީއެސްއައިޕީގެ ޕްރޮގުރާމް ކަމަށެވެ.

ޕީއެސްއައުޕީ ޕްރޮގުރާމްގެ މަސައްކަތް ކުރަމުންދަނީ ދައުލަތަށް ލިބޭ އާމްދަނީންނާއި ހިލޭ އެހީއާއި ލޯނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވަކިވަކިން ލޯނު ހުއްދަ ހޯދައިގެން ކުރަންޖެހޭ ކަންތައް ނުކުރެވިއްޖެ ކަމަށްވާނަމަ ރައްޔިތުންނަށް އޭގެން ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެ. ވަރަށް ބައިވަރު މަޝްރޫއުތައް އެބަހުރި ކިއު އަޕްގައި. ލޯނު ނުލިބިއްޖެނަމަ މަޝްރޫއު ނުހިނގާނެ،" ޖިހާދު ވިދާޅުވިއެވެ.

ސަރުކާރުން ލޯ ނެގުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ހޯދާ ގޮތަށް އޮތްއޮތުން ބަދަލު ކުރުމަށް ސަރުކާރުގެ ފަރާތުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން މާލިއްޔަތުގެ ގާނޫނަށް ހުށަހަޅުވި އިސްލާހުގައިވާގޮތުން ދައުލަތުގެ ނަމުގައި ލޯނުނެގުމުގެ ކުރިން ހުއްދަ ހޯދަންޖެހޭނީ ފިނޭންސް މިނިސްޓަރުގެ ކިބައިން ކަމަށް ވަނީ ބުނެފައެވެ.