26 Nov 2014, 19:21
ބޭންކް އޮފް މޯލްޑީވްސް (ބީއެމްއެލް) އިން އެކުންފުނީގެ އަންހެން މުވައްޒަފުންނަށް، ވަޒީފާ އަދާ ކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ތައާރަފު ކުރަން އުޅޭ ކަމަށް ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެ އެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ފަރާތުން މިއަދު ބޭއްވި "ވިމެން އޮން ބޯޑްސް" ސެމިނާގައި ވާހަކަފުޅު ދައްކަވަމުން އެންޑްރޫ ވިދާޅުވީ، ވަޒީފާ އަދާ ކުރުމަށް އަންހެން މުއައްޒަފުންނަށް ވަގުތުގެ ގޮތުން "ފްލެކްސިބަލް" ގޮތްތައް ހެދޭނެ ކަމަށާއި ދަރިން ގެންގުޅޭ އަންހެނުންނަށްވެސް ފަސޭހަ ގޮތްތަކެއް އޮންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މަސައްކަތްކުރާ ވަގުތުތަކަށް ފްލެކްސިބިލިޓީ ގެނެސް ވަޒީފާ އާއި ދިރިއުޅުމުގެ އެހެނިހެން ކަންތައްތައް ހަމަހަމަ ކަމާއެކު އެކީގައި ގެންދިޔުމަކީ އަޅުގަނޑެމެންގެ ސަގާފަތާއި ހިންގުމުގެ މުހިންމު ބަޔަކަށް ހަދަން. އެންމެ ރަނގަޅަށް އަމަލުކުރާ ވަޒީފާދޭ ފަރާތްތަކުން ވަޒީފާގެ ގަޑިތަކަށް އޮންނާނީ ލުއިފަސޭހަ ގޮތެއް ކަނޑައަޅާފަ. ކުޑަކުދިންނަށް ހާއްސަ ސެންޓަރުތައް ވާނީ ގާއިމް ކޮށްފައި،" ހީލީ ވިދާޅުވި އެވެ.
ބެލެނިވެރިންނަށް ވުމުން މުވައްޒަފުން ޗުއްޓީ ނެގުމާ މެދު ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، ވަޒީފާ މެދުކަނޑާލުމަށްފަހު އަލުން ގުޅޭނެ ނިޒާމެއް އެ ކުންފުނީގައި ހަމަޖެހިފައި އޮންނަ ކަމަށެވެ.
އެ ކުންފުންޏަކީ އެއްވެސް ގޮތަކަށް ޖިންސީ ގޮތުން ތަފާތު ކުރުމެއް ގަބޫލު ކުރާ ކުންފުންޏެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުގެ މިސާލު ދައްކަވަމުން ހީލީ ވިދާޅުވީ ބީއެމްއެލްގެ އެގްޒެކެޓިވް ޓީމުގައި ހަތަރު އަންހެން ބޭފުޅުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
ކައިރި މުސްތަގުބަލެއްގައި ޕާޓްޓައިމްކޮށް ބޭނުން ވަގުތުތަކެއްގައި ބީއެމްއެލްގައި މަސައްކަތް ކުރުމުގެ ހިދުމަތް ލިބިގެން ދާނެ ކަމަށާއި ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ ހިދުމަތްވެސް ލިބޭނެ ކަމަށް ހީލީ ވިދާޅުވި އެވެ.