ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން މިއަހަރު ތެރޭ 50 މިލިއަން ރުފިޔާގެ ލުއި ލޯނު ދޫކުރުމަށް ހަމަޖައްސައިފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް އިން ބުނެފި އެވެ.

އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޑެޕިއުޓީ މިނިސްޓާ އަހްމަދު އިނާޒު ވިދާޅުވީ، އޭޝިއަން ޑެވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ސަރުކާރު ގުޅިގެން އަންނަ ފެބްރުއަރީ މަހު ލުއި ލޯނުގެ ގޮތުގައި ޖުލްމަ 36 މިލިއަން ރުފިޔާ ދޫކުރުމަށް ހަމަޖައްސައިފައިވާ ކަމަށެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ފައިސާއިން 15 މިލިއަން ރުފިޔާ ލުއިލޯނުގެ ގޮތުގައި ދޫކުރާނެ ކަމަށް ވެސް އިނާޒް ވިދާޅުވި އެވެ.

މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 12.85 މިލިއަން ރުފިޔާގެ ފަންޑެއް ހުޅުވާފައިވާ ކަމަށް ވެސް އިނާޒް ވިދާޅުވި އެވެ. އެ ފަންޑު މެދުވެރިކޮށް ސަރުކާރުން ދޫކުރާނީ ވަކި ޕްރޮޖެކްޓެއްގެ ޚަރަދުގެ 80 ޕަސަންޓަށްވާ ފައިސާ ކަމަށާއި ބާކީ ބައި ހަމަޖައްސަން ވާނީ އެ ވިޔަފާރިކުރާ ފަރާތުން އަމިއްލައަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭގެ ތެރެއިން ސަރުކާރުން މިލަނީ 80 ޕަސަންޓު. އެ ފަންޑުގެ އެހީތެރިކަން ބޭނުންވާ ފަރާތަކުން 20 ޕަސަންޓު ފައިސާ ދެއްވަން ޖެހޭނެ،" އިނާޒް ވިދާޅުވި އެވެ.

އިނާޒް ވިދާޅުވި ގޮތުގައި، އެ ފަންޑު މެދުވެރިކޮށް ވިޔަފާރިވެރިންނަށް އެހީތެރިވުމުގެ ބޭނުމަކީ މިހާރު އަތޮޅުތަކުގެ ތެރޭގައި އުފައްދާ ބާވަތްތައް މާކެޓަށް ނެރެ، އެކްސްޕޯޓްކުރުމަށް ހުރި ހުރަސްތައް ނައްތާލުން ކަމަށެވެ.

"މިދިޔަ ދުވަސްކޮޅު ތެރޭގައި އަޅުގަނޑުމެންނަށް ފެންނަ އެއް މަންޒަރަކީ އުފެއްދުންތައް އެބަހުރި އަތޮޅުތަކުގެ ތެރޭގައި. އުފެއްފޭ ބާވަތްތައް އެބަހުރި. އެކަމަކު އެ ރަނގަޅަށް ޕެކޭޖް ކުރެވިގެން، ނޫނީ އެ ގެންނަން ޖެހޭ ސްޓެންޑަޑްތަކަށް ގެނެސްގެން ނުވަތަ މާކެޓް ކުރެވިގެން ގެންގޮސް ރިސޯޓްތަކަށް، ނޫނީ ބާޒާރަށް ނުވަތަ ރާއްޖެއިން އެކްސްޕޯޓުކުރުމުގައި ހުރަސްތަކެއް އެބަހުރި. އެހެންވެ، އެ ހުރަސް ކަޑައްތު ކުރުމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ މިދެންނެވި ފަންނީ އެހީ އެބޭފުޅުންނަށް ފޯރުކޮށްދޭން،" އިނާޒް ވިދާޅުވި އެވެ.

އިނާޒް އިތުރަށް ވިދާޅުވީ، ފަންޑުން އެހީތެރިވުމަށާއި އަދި އޭޑީބީން ދޫކުރާ 36 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ މައިގަނޑު ތިން ދާއިރާއަކަށް އަމާޒުކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެން މިފަހަރު ލޯނު މި ހުޅުވާލަނީ ކޮންމެ ކޮންމެ ކަމެއް ކުރާކަށެއް ނޫން. ތިން ދާއިރާއެއް އޮތީ. އެއީ މަސްވެރިކަމުގެ ވެލިއު އެޑިޝަން. މަސްވެރިކަމަކަށެއް ނޫން ސީދާ. އެކަމަކު މަސްވެރިކަމާ ގުޅުން ހުރި ޕްރޮސެސްކުރުމާ އެފަދަ ކަންކަމަށް. ޚާއްސަކޮށް އަޅުގަނޑުމެން އިސްކަންދެން އެކުއާ ކަލްޗާއާއި މެރިކަލްޗާ ދާއިރާތަކަށް. ދެވަނަ ކަމަކީ ދަނޑުވެރިކަމުގެ ދާއިރާ. ތިން ވަނަ ދާއިރާއަކީ އާޓް އެންޑް ހޭންޑި ކްރާފްޓް،" އިނާޒް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެ ފަންޑުން ފައިސާ ހޯދުމަށާއި އަދި އޭޑީބީން ދޫކުރާ 36 މިލިއަން ރުފިޔާގެ ލޯނަށް އެދުމަށް މިނިސްޓްރީން ހުޅުވާފައިވާ ކުދި އަދި މެދު ފަންތީގެ ދަފްތަރުގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ.
ނަމަވެސް، ދައުލަތުގެ ބަޖެޓުން ލުއިލޯނުގެ ގޮތުގައި ދޫކުރާ 15 މިލިއަން ރުފިޔާއިން ލޯނު ދޫކުރާނެ ވަކި ދާއިރާތަކެއް ކަނޑައަޅައިފައިނުވާ ކަމަށާއި އެކަން ނިންމާނީ މިނިސްޓްރީ ތެރޭގައި މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިނާޒް ވިދާޅުވި ގޮތުގައި، މިނިސްޓްރީން ހުޅުވާލާ ހުރިހާ ލޯނުތައް ދޫކުރާނީ އެއް މިންގަނޑެއްގެ ދަށުންނެވެ. އެގޮތުން އެންމެ ގިނަވެގެން މިނިސްޓްރީން ދޫކުރާނީ އެއް މިލިއަން ރުފިޔާ ކަމަށާއި އެ އަނބުރާ ދައްކަންޖެހޭނީ އަށް އަހަރު ދުވަހުގެ ތެރޭގައި އެވެ. އަދި ރަހުނުގެ ގޮތުގައި ބަހައްޓަން ޖެހޭނީ ލޯނުގެ މުޅި އަގަށްވާ މުދަލެއް ކަމަށާއި ކަމަށާއި އިންޓްރެސްޓް ރޭޓް އުޅޭނީ ގާތްގަނޑަކަށް 7.5 ޕަސަންޓުގައި ކަމަށް ވެސް ވިދާޅުވި އެވެ.