ޗެންޕިއަންސް ލީގުގައި ރޭ ޗެލްސީ އާއި ޝާލްކޭ ބައްދަލުކުރި މެޗުގައި ޗެލްސީ ދައްކާފައި ވަނީ ވަރަށް ރީތި ކުޅުމެއް ކަމަށް އެ ޓީމްގެ ކޯޗް ހޯޒޭ މޮރީނިއޯ ބުނެފި އެވެ.

މެޗަށްފަހު ރިޕޯޓަރުންނާ ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ، އޭނާގެ ޓީމުން ރަށުން ބޭރުގައި ކުޅުނު މެޗެއްގައި އަދި މިހާ ފުރިހަމަ ކުޅުމެއް ދައްކާފައި ނުވާކަމަށާއި، ކުޅުންތެރިން ކުޅެފައި ވަނީ ވަރަށް ހިތްހަމަޖެހޭ، ރީތި ކުޅުމެއްކަމަށެވެ. އަދި ކުޅުންތެރިން މެޗު ކުޅެފައި ވަނީ ވަރަށް ސީރިއަސްކޮށް ކަމަށާއި، ރަނގަޅު ނަތީޖާއެއް ހޯދުމަށް ކުޅުންތެރިން ވަރަށް ބޮޑަށް ފޯކަސް ކޮށްފައި ވާކަން ފާހަގަ ކުރެވޭ ކަމަށް ބުނެ، އޭނާ ވަނީ ޓީމަށް ގިނަ ތައުރީފުތަކެއް ކޮށްފައެވެ.

"ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް ހިންހަމަ ޖެހޭ. އެހެން ކޯޗުންގެ އިރުޝާދުގެ ދަށުން މި ޓީމް ބޮޑެތި ކާމިޔާބީތަކެއް މީގެ ކުރިން ހޯދާފައި ވާކަމާމެދު އަހަރެން ޝައްކެއް ނުކުރަން. ނަމަވެސް ރޭގެ މެޗު ވަރަށް ތަފާތު. ކުޅުންތެރިން ދައްކާފައި ވަނީ ވަރަށް ފުރިހަމަ، ރީތި ކުޅުމެއް،" އޭނާ ބުންޏެވެ.

މޮރީނިއޯ ވަނީ ރޭގެ މެޗުގައި ޗެލްސީ ކޮޅަށް ލަނޑެއް ނުވަދެ އެ ޓީމް ފަސް ލަނޑު ކާމިޔާބު ކުރިކަން ފާހަގަ ކޮށްފައެވެ. އޭނާ ބުނީ 90 މިނެޓުގެ ތެރޭގައި ޓީމަކުން ހަތަރު ފަސް ލަނޑު ކާމިޔާބު ކުރުމުން މިސްޓޭކްތަކެއް ހަދާ ބައިކޮޅަށް ލަނޑެއް ވަންނަތަން ފެނުމަކީ އެކަށީގެން ވާކަމެއް ކަމަށާއި، ނަމަވެސް ޗެލްސީ ރޭގެ މެޗުގައި އެ ފުރުސަތު ދީފައި ނުވާކަމަށެވެ. އަދި ކުޅުންތެރިން ކުޅުނީ އެކަތިގަނޑަކަށް ވެގެން ކަމަށާއި، ފުރަތަމަ ހާފްގައި ނަތީޖާއަށް އިތުރު ބޮޑު ތަފާތެއް ގެންނަން ޗެލްސީއަށް ފުރުސަތު ލިބިފައި ވާކަމަށް އެނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ވަނީ ޗެލްސީއާ ދެކޮޅަށް ރޭ ކުޅުން ޝާލްކޭގެ ކުޅުމަށްވެސް ތައުރީފު ކޮށްފައެވެ.

"ޝާލްކޭއަށް ގިނަ މިސްޓޭކްސްތަކެއް ހެދުނު ކަމަށް ބުނެ އެޓީމް ކުޅުނު ކުޅުމާމެދު ގިނަ ބަޔަކު ފާޑުކިޔުން އެކަށީގެންވޭ. ނަމަވެސް ޗެލްސީއާ ދެކޮޅަށް ކުޅޭ ކޮންމެ ޓީމެއްވެސް ޗެލްސީ މިހާރު ކުޅެމުންދާ ފެންވަރާމެދު ޖެހިލުން ވާނެ. ޝާލްކޭވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ. ރޭގެ ނަތީޖާއާއި މެދު އެޓީމް ދެރަވާނެ، ނަމަވެސް އަހަރެންގެ ތަޖުރިބާގައި އަމިއްލަ ޓީމަށްވުރެ ފެންވަރު މަތީ ޓީމަކާއެކު ކުޅެ ބަލިވުން އެއީ ގަބޫލް ކުރަން ޖެހޭ ކަމެއް. އެ ޓީމަށް ވުރެ ޗެލްސީ ވަރުގަދަކަން އެ ޓީމް ގަބޫލްކުރަން ޖެހޭ،" އޭނާ ބުންޏެވެ.

ރޭގެ ނަތީޖާއާއި އެކު ޗެލްސީ ވަނީ މި މުބާރާތުގައި މުޅިއެކު 11 ޕޮއިންޓް ހާސިލްކޮށް، މުބާރާތުގެ ދެވަނަ ބުރު ކަށަވަރު ކޮށްފައެވެ. މި މުބާރާތުގައި އަދި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރޭން އެއްވެސް މެޗަކުން އެ ޓީމް ބަލިވެފައި ނުވާއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި އަދި މިހާތަނަށް ކުޅުނު 12 މެޗުގެ ތެރޭން އެއްވެސް މެޗަކުންވެސް އެ ޓީމް ބަލިވެފައެއް ނުވެއެވެ.