26 Nov 2014, 17:08
ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި މުވައްޒަފުން ތިބޭނެ ތަނެއް އިމާރާތްކުރުމުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.
ޔުމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެ ޕްރޮޖެކްޓް ހަވާލުކުރީ 1.4 މިލިޔަން ރުފިޔާގެ އަގަކަށް 110 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ ޕްރޮޖެކްޓްގައި ހިމެނޭ މަސައްކަތްތަކަކީ ހޯލެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ބައި، ކޮޓަރިތަކަކަށް ބަދަލުކުރުމާއި ވަކިން ހުރި ދެކޮޓަރި، ދެ އެޕާޓްމެންޓަށް ބަދަލުކުރުމެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ މަސައްކަތް ނިމުމުން ހޮސްޕިޓަލުގައި މިހާރު ތިބުމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ މީހުންގެ އިތުރުން 14 މީހަކު ތިބުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ. އަދި އެގޮތުން އިންތިޒާމު ހަމަޖައްސައިދޭ މީހުންގެ ތެރޭގައި ދެ ސްޕެޝަލިސްޓުން ވެސް ހިމެނޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އަދި ބުނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން މިހާރު ތިބެނީ ހޮސްޕިޓަލާއި ދުރުގައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވާ ކަމަށާއި ކުއްލިއަކަށް ހޮސްޕިޓަލަށް އަންނަން ޖެހޭ ހާލަތްތަކުގައި ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށް ވެސް ބުންޏެވެ.
މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެކްޓިން ހެލްތު މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ. އަދި ޔުމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު މުހައްމަދު ނަސީރެވެ.