ސ. ހިތަދޫ ދޯންޏެއް 12 މީހުންނާއެކު ކަންނެލި ދިޔަ ފަހުން ހަބަރެއް ނުވެ، މީހުންނާއެކު ދޯނި ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ފަށައިފި އެވެ.

ކޯސްޓް ގާޑުން ބުނީ ކަންނެލި މަސްވެރި ކަމުގައި ހއ. އަތޮޅާއި ހދ. އަތޮޅުގެ ސަރަހައްދަށް ނުކުމެ އުޅުނު "ފީރޯޒް 2" ނަމަކަށްކިޔާ މިދޯންޏާއި އެންމެފަހުން ގުޅިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ހަވީރު ކަމަށާއި އޭރު ދޯނި އުޅުނީ ތެޔޮ އަޅަން ހދ. އަތޮޅަށް ވަނުމުގެ ދަތުރުގައި ކަމަށެވެ. އަދި 26 ވަނަ ދުވަހުގެ ފަތިހު މަހަށް ފުރާނެކަމަށް ދޯނިގެ ވެރިފަރާތުން އޭރު ބުނެފައިވާ ކަމަށެވެ.

މި ދޯންޏަކީ ހިތަދޫ ސީސަންމާގެ ޑރ. މުޙައްމަދު ހަބީބުގެ ދޯންޏެކެވެ. ދިިގު މިނުގައި 22 މީޓަރު ހުންނަ މިދޯނީގެ ބޭރުގައި ލާފައި ވަނީ ގަދަ ނޫކުލައިގެ ދަވާދެވެ.