26 Nov 2014, 16:01
ގައުމީ މުބާރާތްތަކުގައި ބައިވެރިވުމަށް އަތޮޅުތެރޭގެ ގިނަ ޓީމްތަކެއް މިފަހަރުވެސް މާލެ އައިސްފައި ވާއިރު، އެ ޓީމްތަކަށް ދިމާވެފައިވާ ދަތި އުނދަގޫތަކުގެ ވާހަކައަކީ ގިނަ ފަހަރަށް ދެކެވޭ ވާހަކަތަކެއް ނޫނެވެ. ނަމަވެސް އެއީ ސުރުހީއެއްގައި ފަވާލަން މާ ލަސް ވެފައިވާ ވާހަކައެކެވެ. ފޮޓޯއިން އެ ފެންނަ މަންޒަރަކީ ހަނގުރާމައިގައި ނުވަތަ އެފަދަ ކާރިސާއެއްގައި ހާލުގައި ޖެހިފައިވާ ބަޔަކަށް ފޯރުކޮށްދީފައިވާ ވަގުތީ ހިޔަލެއް ނޫނެވެ. އެއީ އަތޮޅުތަކުން ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވާން މާލެއައިސް ތިބި ޓީމުތަކެއްގެ ކުޅުންތެރީންނަށް ގަލޮޅު ދަނޑުގެ އެކޮމަޑޭޝަން ބްލޮކްގައި ހަމަޖައްސާފައިވާ އެކޮމަޑޭޝަނެވެ.
މިފަދަ އެކޮމަޑޭޝަނެއްގައި ޓީމްތަކުގެ ކުޅުންތެރީން އުޅެންޖެހޭ ހާލަކީ ރާއްޖޭގެ ގައުމީ މުބާރާތްތަކުގެ ނަމަށް ހުތުރުކަމެއް ލިބިގެންދާ ކަމެއްކަން ހަގީގަތް އިނގޭ ކޮންމެ މީހަކުވެސް ގަބޫލްކުރާނެ އެވެ.
ފާހަގަ ކޮށްލަން މިއުޅޭ ވާހަކައަކީ ރާއްޖޭގައި މިހާރު ކުރިއަށްދާ ގައުމީ ބެޑްމިންޓަން މުބާރާތާއި، ވޮލީ ޔޫތު ޗެންޕިއަންޝިޕްގައި ބައިވެރިވުމަށް ރަށްރަށުން އައިސް އުޅޭ ބައެއް ޓީމުތަކުގެ 18 ކުޅުންތެރިން އެއް ކޮޓަރިއެއްގައި ތިބޭ ވާހަކައެވެ. އަދި އެ ކޮޓަރިތެރޭ ނިދުމުގެ އިތުރުން ކައްކައި ކައިވެސް އުޅެން މަޖުބޫރުވެފައިވާ ވާހަކައެވެ. އެ ކުދީންގެ އަންނައުނު ދާ ވުމުން ދޮވެލާނެ ފަދަ އިންތިޒާމެއްވެސް އެތަނުގައި ހަމަޖެހިފައި ނެތް ކަމުގެ ވާހަކައެވެ.
މި ފަދަ ވާހަކަ ތަކަކީ ބައެއް ފަރާތްތަކަށް އަޑުއަހަން އުނަދުގޫ ވާހަކަ ތަކަކަށް ވީ ނަމަވެސް ހަގީގަތަކީ މިއީއެވެ. މިފަދަ ކަންކަމުގައި އަނެކާއާ ދިމާއަށް އިނގިލި ދިއްކޮށް، ބައެއްގެ ބޮލުގައި ބަދުނާމުތަކެއް ނޭޅުވިޔަސް، އެކަންކަން ސަމާލުކަމަށް ގެނެސް ކަންތައްތަކެއް ރަނގަޅު އެބަ ޖެހެއެވެ.
"މިފަހަރުގެ މުބާރާތަށް އައި އިރު އަޅުގަނޑުމެންނަށް ފުރަތަމަ ހަމަޖައްސައިދިން ކޮޓަރިތަކުގައި ތަޅެއްވެސް ނެތ.، ފަންކާތައްވެސް މަސައްކަތެއް ނުކުރޭ. އެކަންތައްތައް މިހާރު ރަނގަޅުކޮށްފި. ނަމަވެސް އަޅުގަނޑުމެންގެ 18 ކުޅުންތެރިން މި ބޭނުންކުރަން ޖެހެނީ އެންމެ ދެ ފާހާނަ،" 'ސަން'އަށް މައުލޫމާތު ދެމުން ގައުމީ ބެޑްމިންޓަން މުބާރާތުގައި ބައިވުރިވުމަށް އައި ޓީމެއްގެ ކުޅުންތެރިއަކު ބުންޏެވެ.
މި ހާލުގައި މި ނިޒާމްތައް ހުރެ ރާއްޖޭގެ މިފަދަ ބޮޑެތި މުބާރާތްތަކެއް ކުރިއަށް ދާއިރު، 'ގައުމީ' މުބާރާތްތަކެކޭ ކިޔާ މި މުބާރާތައް ކުރިއަށް ގެންދިޔުމަކީ ނާއިންސާފެއް ނޫންތޯއެވެ؟ މއީ ކުޅިވަރުގެ މުބާރާތްތަކަކަށް ވާއިރު، ކޮންމެ ޓީމެއްގެ ކޮންމެ ކުޅުންތެރިއަކަށްވެސް ހަމަހަމަ ގޮތެއްގައި ޒަރޫރީ ބޭނުންތައް ފުއްދޭނެ އިންތިޒާމް ހަމަޖެހިފައި ވުމަކީ މުބާރާތެއް އިންސާފްވެރި ގޮތަކަށް ކުރިއަށް ގެންދިޔުމަށް ކޮންމެހެންވެސް ބޭނުންވާ ކަމެކެވެ.
މާލޭގައި ދިރިއުޅޭ ކުޅުންތެރިން ހަމަޖެހިލައިން މެޗަކަށް ތައްޔާރު ވުމުގެ ފުރުސަތު އޮތްއިރު، އަތޮޅުތެރޭ ޓީމެއްގެ 12 ކުޅުންތެރިން އެއް ފާހަނާއެއް ބޭނުންކޮށް، ވަގުތަށް މެޗަކަށް ތައްޔާރުވެ ކުޅެން އެރުމަކީ އެ ޓީމަށް ލިބިގެންދާ ކިހާބޮޑު ދެރައެއްތޯ މިއީ މުބާރާތް އިންތިޒާމްކުރާ ފަރާތްތަކުން ތަންކޮޅެއް "ސީރިއަސްކޮށް" ވިސްނާލަން ޖެހޭ ކަމެއްކަން ކަށަވަރެވެ.
ކަން މިހެން އޮތް ކަމުގައި ވިއަސް، މި އިންތިޒާމް ތަކުގެ ބެލެނިވެރި ފަރާތް ޔޫތު މިނިސްޓްރީން މިކަމަށް ދޭނެ ޖަވާބެއް އެބައޮތެވެ. އެ މިނިސްޓްރީން ވިދާޅުވެފައި ވަނީ އެސޯސިއޭޝަންތަކުން އަތޮޅުތެރޭން އަންނަ ޓީމްތަކަށް މި ބްލޮކުން އެކޮމޮޑޭޝަން ހަމަޖައްސައިދެނީ އެތާނގެ ހާލަތު ރަނގަޅަށް އެނގިތިބެ ކަމަށާއި، އަތޮޅުތެރޭން އަންނަ ޓީމްތައްވެސް މުބާރާތްތަކުގައި ބައިވެރިވާން އަންނަނީ އެތާނގެ ހާލަތު ރަނގަޅަށް އެނގި ތިބެ އެކަމަށް ރުހިގެން ކަމަށެވެ.
"ފާއިތުވެ ދިޔަ ދުވަސްތަކުގައި އެތަނުގެ މެއިންޓެނެންސް ހުރީ ވަރަށް ދަށް ވެފައި. އެތަނަށް ވަޑައިންނަވާ ހުރިހާ އެސޯސިއޭޝަންތަކަށްވެސް އެތާނގެ ހާލަތު އިނގޭނެ. އެއްވެސް ގޮތަކުން އެތަނުގެ ހާލަތު އޮޅުވާލައި، އެތާނގައި ނެތް ފެސިލިޓީއެއް ދޭން އަޅުގަނޑުމެން އަނގާފަކާއެއް ނޯންނާނެ. އެތަނަށް ވަންނަ ޓީމުތަކުން ވަންނަނީ އެތާނގެ ހާލަތު އިނގި، އެކަމަސް ރުހި ގަބޫލްވެގެން،" ޔޫތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަލީ ޒަކީ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ބެޑްމިންޓަން އެސޮސިއޭޝަނުންނާއި ވޮލީ އެސޯސިއޭޝަނުންވެސް ދީފައިވަނީ ހަމަ މިފަދަ ޖަވާބެކެވެ. ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން މިހާރު ކުރިއަށް ގެންދާ ޔޫތު ޗެންޕިއަންޝިޕް މުބާރާތުގައި ބައިވެރިވާން މާލެ އައި ޓީމްތަކުން އެ އެސޯސިއޭޝަންގައި މައްސަލައެއް ޖައްސާފައި ނުވާކަމަށް ވިދާޅުވެފައި ވާއިރު، ބެޑްމިންޓަން އެސޯސިއޭޝަނުން ދީފައި ވަނީ މިނިސްޓްރީއެކޭ ހަމަ ދާދި އެއް ޖަވާބެކެވެ.
"އެތަނަށް އަންނަ ޓީމްތަކަށް އެތާނގެ ހާލަތު އިނގޭނެ. އެއްވެސް ޓީމަކުން އަޅުގަނޑުމެންނަށް އެތާނގެ ހާލަތާމެދު މައްސަލައެއް ހުށައަޅާފައެއް ނެތް. ޓީމްތަކުން މާލެއަށް އައިސް އެތާނގައި ތިބެނީ އެތާނގައި މައްސަލައެއް ނެތީމަކާ ނޫން. ޓީމްތަކުން އެތާ ތިބެނީ އެއަށްވުރެ ވަކި ރަނގަޅު، ހަރަދުކުޑަ ގޮތެއް އެ ޓީމްތަކަށް ނެތީމަ،" ބެޑްމިންޓަން އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދައްކަމުން އެ އެސޯސިއޭޝަންގެ ރައީސް ވިދާޅުވި އެވެ.
ކަން މިހެން އޮތްނަމަވެސް ރާއްޖޭގެ ގައުމީ ޓީމުތަކުން ވިދާލާނެ ކުޅުންތެރިން އަތޮޅުތެރޭގައި ތިބިކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. މިކަމުގެ އެންމެ އަލިގަދަ ހެއްކަކީ 'ސަން' އަށް މައުލޫމާތު ދިން ބައެއް ފަރާތްތަކުން ފާޅުކޮށްފައިވާ އެ މީހުންގެ އުންމީދުތަކެވެ.
"އަޅުގަނޑުމެންގެ ޖަމިއްޔާއިން މި މުބާރާތުގައި ބައިވެރިވީ އިނާމަކަށް ނޫން. މި މުބާރާތަކީ އިނާމްގެ ގޮތުގައި ފައިސާ ލިބޭ މުބާރާތެއް ނޫން. އަޅުގަނޑުމެންގެ އުންމީދަކީ މި ކުޅިވަރުގައި ރަނގަޅު ކުޅުންތެރިންތަކެއް އުފެއްދުން. މިފަހަރުވެސް އަޅުގަނޑުމެން އަތުން ގާތްގަނޑަކަށް 50،000 ރުފިޔާ ހޭދަވެއްޖެ. މި މުބާރާތް ކާމިޔާބު ކުރިއަސް އަޅުގަނޑުމެނަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތް. މިދިޔަ އަހަރުވެސް މިއަހަރުވެސް މި މުބާރާތުގައި ބައިވެރިވާން އައި ހަމައެކަނި ސަބަބަކީ ޒުވާނުންނަށް މި ކުޅިވަރުގައި ރަނގަޅު ފުރުސަތުތަކެއް ހޯދަދިނުން،" ވޮލީބޯޅަ ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރާ އަތޮޅުތެރޭ ޓީމެއްގެ އޮފިޝަލަކު ވިދާޅުވި އެވެ.
މީގެ އިތުރުން މި މުބާރާތުގައި ބައިވެރިވި އަންހެން ޓީމެއްގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ، އުންމީދަކީ ގައުމީ ވޮލީ ޓީމަށް ކުޅުންތެރިންތަކެއް އުފެއްދުން ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ގައުމީ ޓީމަށް ކުޅުންތެރިންތަކެއް އުފެއްދުން. އަޅުގަނޑުމެންގެ ޓީމްގައި އުމުރުން ހަގު ވިޔަސް، ހުނަރު ހުރި ކުޅުންތެރިން އެބަ ތިބި." އެ އޮފިޝަލް ވިދާޅުވި އެވެ.
މިފަދަ ޝުއޫރުތަކަކާ އެކު މާލޭގައި ބާއްވާ ގައުމީ މުބާރާތްތަކުގައި ބާއިވެރިވާން އަންނަ ޓީމްތަކަށް ރަނގަޅު ވަސީލަތްތަކެއް ހަމަޖައްސައި ދިނުމަކީ ހަމަގައިމުވެސް އެ ޒިންމާ ނަގަން ތިބި ފަރާތްތަކުން ކުރަން ޖެހޭނެ ކަމެކެވެ. މާލޭގައި ބާއްވާ މުބާރާތްތަކުގައި ބައިވެރިވުމަށް އަމިއްލަ އަތުން ބޮޑެތި ހޭދަތަކެއް ކޮށްގެން އަދި އެސޯސިއޭޝަން ތަކުން އެކޮމަޑޭޝަން ފޯރުކޮށްދޭ ގޮތާމެދު "ޝަކުވާއެއް ނުކުރާނެ ކަމަށް އެއްބަސްވެގެން" އައި ނަމަވެސް ޒިންމާދާރު ގޮތަކީ، މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ހަމަހަމަ އުސޫލެއް ހޯދައި ދިނުން ނޫންތޯއެވެ.
ރާއްޖޭގެ ކުޅުންތެރިން ބައިނަލްއަގްވާމީ ފެންވަރެއްގައި ވިދާލާނެ ފުރުސަތު މުޅި ރާއްޖޭގެ އެކި ކުޅިވަރު ކުޅޭ ހުރިހާ ކުޅުންތެރިންނަށްވެސް ހަމަހަމަ ގޮތެއްގައި ހުޅުވާލެވިގެން ދިޔުމީ ހަމަ ގައިމުވެސް ކުރިމަގުގައި ރާއްޖެއަށް ރީތި ނަންތަކެއް ލިބިގެން ދާނެ ކަމެކެވެ.