26 Nov 2014, 15:46
ގްރޭޑް 10 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެޑިއުކޭޝަނުން ހިންގަމުން އަންނަ ދަސްވާރު (އިންޓާންޝިޕް) ޕްރޮގްރާާމާ ބެހޭ ޑޮކިއުމަންޓްރީއެއް ޓީވީއެމުން ހުށަހަޅައިދީފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަހަރު ފެށުނީއްސުރެން ކުރިއަށް ގެންދާ ދަސްވާރު ޕްރޮގްރާމާ ބެހޭ ޑޮކިއުމަންޓްރީއެއް ހަދައި އެ ޑޮކިއުމަންޓްރީ ރޭ ޓީވީއެމުން ވަނީ ގެނެސްދީފަ އެވެ. އެ ޑޮކިއުމަންޓްރީގައި ދަސްވާރު ޕްރޮގްރާމްގެ ބައިވެރިން، މަސައްކަތުގެ އަމަލީ މައިދާނުގައި މަސައްކަތްކުރާގޮތާއި، އަދި އެ ކުދިންގެ ޝުއޫރުތައް ވަނީ ގެނެސްދީފަ އެވެ.
އެ ޕްރޮގްރާމްގެ ބައިވެރިން ފާހަގަކުރި ގޮތުގައި، އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ލިބުނު ފުރުސަތަކީ ރަގަޅު ފުރުސަތެއް ކަމަށާއި، އެ ކުދިންގެ މުސްތަގްބަލް ބިނާކުރަން ގަސްދުކުރަނީ މިހާރު މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދާ ދާއިރާތަކުން ކަމަށް އެކުދިން ފާހަގަކުރި އެވެ.
ދަސްވާރު ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާގެ ފުރުސަތުތައް ފަހިކޮށްދޭ ކުންފުނިތަކުން ފާހަގަކުރި ގޮތުގައި، ދަރިވަރުން މަސައްކަތަށް ވަރަށް ފަރުވާތެރިވާ ކަމަށާއި، އެ ދަރިވަރުން އެކަމަށް ވަރަށް ތޫނުފިލިކަމުގައި އެފަރާތްތަކުން ފާހަގަކުރި އެވެ. އަދި ބައެއް ކުންފުނިތަކުން އެ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތުތައް ހަމަޖެހިފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ފާހަގަކުރި އެވެ.
ދަސްވާރު ޕްރޮގްރާމްގައި ދަރިވަރުން ބައިވެރިކޮށްފައިވާ ސްކޫލްތަކުން ފާހަގަކުރި ގޮތުގައި، އެ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކުދިންނަށް ވަރަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށާއި، އެ ޕްރޮގްރާމަށް ދަރިވަރުން ވެސް ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް އެ ސްކޫލްތަކުން ފާހަގަކުރި އެވެ. އަދި ދަރިވަރުންގެ ޝައުގުވެރިކަން ހުންނަ ދާއިރާތަކުން ކުރިއަށް ދިއުމުގެ ފުރުސަތު ފަހިވެފައި އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ސްކޫލްތަކުން ފާހަގަކުރި އެވެ.
އެ ޑޮކިއުމެންޓްރީގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، އެ ޕްރޮގްރާމަކީ ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ތެރޭގައި ހިމެނޭ "އެންމެ ކުއްޖަކު ވެސް ބާކީ ނުކުރުމުގެ ސިޔާސަތު"ގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި އެ ޕްރޮގްރާމް އަންނަ އަހަރު އަތޮޅު ތެރެއަށްވެސް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ.
ދަސްވާރު ޕްރޮގްރާމްގައި 180 ކުދިން ވަނީ ބައިވެރިވެފައިވެ އެވެ. އެ ދަރިވަރުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ގަބޫލުކުރާ ލެވެލް 3 ގެ ސެޓްފިކެޓެއް ލިބޭނެ އެވެ. ދަސްވާރު ޕްރޮގްރާމްގައި، ބައިވެރިވާ ދަރިވަރުންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދައިދެނީ ސަރުކާރާ އަމިއްލަ ކުންފުނިތަކުންނެވެ. އެ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ދަރިވަރުން މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދަނީ، ސްކޫލްތަކުގައި ކިޔަވަމުންނެވެ.