ދުނިޔޭގެ ކޮންމެ ގައުމެއް ވެސް ކުރިއަރާނީ އެގައުމެއްގެ ޅަދަރީންނަށް ދެވޭ ތައުލީމާއި ތަރުބިއްޔަތުގެ މައްޗަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރު ކުރިއަށް ގެންދިޔަ ހެލްތު ސްކްރީނިން ޕްރޮގުރާމް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ޅަދަރީންނަށް ދެވޭ ތައުލީމާއި ތަރުބިއްޔަތުގެ މައްޗަށް ބިނާކޮށް މި ސަރުކާރުން ވައުދުވެފައި ވާނީ އެންމެ ކުއްޖަކުވެސް ބާކީ ނުކުރާނެ ކަމަށެވެ. ތައުލީމާއި ތަމްރީން ސުކޫލަތަކުން ފަހިކޮށްދޭއިރު ސަރުކާރުން މިކަމުގައި ގެންގުޅޭ ވިސްނުން ވެސް ބަދަލުކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެންމެ ކުއްޖަކުވެސް ބާކީ ނުކުރުމުގެ ވައުދަކީ ހަމަ އެކަނި އެ ދަރިވަރުންގެ ތައުލީމާއި ތަމްރީންގެ މައްޗަށް އެކަނި އޮތް ކަމެއް ނޫން. ތައުލީމީ ދާއިރާގެ ކޮންމެ ސިޔާސަތެއް ތަންފީޒުކުރުމުގައި ވެސް އަޅުގަނޑުމެން އެންމެންގެ ވިސްނުމުގައި ދަރިވަރުން ކުރިޔަށް ގެންނަން ޖެހޭ." މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ދައުލަތުންނާއި މުޖުތަމައުން ކުރާ ކޮންމެ ކަމެއް ކުރަންވާނީ ދަރިވަރުންނަށް އޭގެން ހެޔޮ މަގު ދައްކައި ދަރިވަރުންނަށް ހެޔޮގޮތް ހޯދައި ދިނުމުގެ މަގުސަދުގައި ކަމަށް ޑރ. އައިޝަތު ޝިހާމް ވިދާޅުވި އެވެ. އަދި އެންމެ ކުއްޖެއް ވެސް ބާކީ ނުކޮށް ހުނަރުވެރި ޖީލެއް ބިނާކުރާއިރު ކޮންމެ ކުއްޖެއް ވެސް ރަނގަޅު ސިއްހަތެއްގައި ހުރުން މުހިއްމު ކަމަށް މިިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

"ކޮންމެ ކުއްޖަކީ ވެސް ސިއްހީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ދަރިވަރެއްކަން ޔަގީން ކުރަންޖެހޭ." އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ވިދާޅުވީ ކިޔަވައިދިނުމުގެ ތެރޭގައި ދަރިިވަރުން ހަރަކާތްތެރިވާނެ ނިޒާމެއް ގާއިމް ކުރަންޖެހޭ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އެކަމުގައި އުޅުއްވާ ޓީޗަރުން ބިނާ ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު އެޑިއުކޭޝަން މިނިސްޓަރަށް ދަންނަވާލަން ބޭނުން ތައުލީމީ މާހައުލުގައި ދަރިވަރުންނަށް ހެލިފެލިވެ އުޅެވޭނެ ގޮތަކަށް ކަރިކިއުލަމް ބައްޓަން ކޮށްދެއްވުމަށް." ނާޒިމް ވިދާލުވި އެވެ.

މިއަހަރު ގުރޭޑް އެކެއްގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ހެލްތު ސްކްރީނިން ޕްރޮގުރާމްގެ ބައެއް ނަތީޖާތަކަށް ބަލައިލާއިރު ހުންނަންވާ ވަރަށް ވުރެއް ބަރުދަން ބަރު 27 ޕަސެންޓު ދަރިވަރުން އުޅެއެވެ. އަދި ހުންނަންވާ ވަރަށް ވުރެ ބަރުދަން ލުއި 34 ޕަސެންޓު ދަރިވަރުން އުޅޭ އިރު 16.75 ޕަސެންޓު ދަރިވަރުންނަކީ ލޮލުގެ މައްސަލަތައް ހުންނަ ދަރިވަރުން ނެވެ.