26 Nov 2014, 13:59
ގައުމީ ޔުނިވަސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި އިންޑިއާ ސަރުކާރުން ބިނާކޮށްދިން އިންޑިއާ-މޯލްޑިވްސް ފްރެންޑްޝިޕް ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގައި އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ކިޔަވައިދޭން ފެށޭނެ ކަމަށް އެ ފެކަލްޓީން ބުނެފި އެވެ. އެ ފެކަލްޓީން ބުނީ އާ އިމާރާތަކީ މިސަރަހައްދުގައި ހުރި އެންމެ ފުރިހަމަ ޓޫރިޒަމް ފެކަލްޓީ އަށް ވެގެން ދާނެ ކަމަށެވެ.
ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ލެކްޗަރާ އަނިލް އާދަމް މިއަދު ސަން އަށް ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީގައި ހުރިހާ ވަސީލަތްތަކަކާ އެކު ގާއިމްކޮށްފައިވާ އެފެކަލްޓީގައި މިފެށޭ ޖެނުއަރީ މަހުގެ ތެރޭގައި ކިޔަވައިދެވޭނެ ކަމަށެވެ. އެހެންނަމަވެސް ފަހަރެއްގައި ޕުްލޭނަށް ކުޑަ ބަދަލެއް އަތުވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަނިލް ވިދާޅުވީ އެފެކަލްޓީ އަކީ ވަރަށް ފުރިހަމަ ވަސީލަތްތަކާ އެކު ގާއިމްކޮށްފައިވާ ފެކަލްޓީއަކަށް ވާއިރު އެތަނުގައި ގާތްގަނޑަކަށް 1000 ވަރަކަށް ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ކިޔަވާ ކުދިންނާއި މުއައްޒިފުންގެ އެކޮމެޑޭޝަން ވެސް އެއިމާރާތުގައި ހިމެނޭއިރު ކިޔެވުމުގެ އަމަލީ ތަޖުރިބާ ހޯދޭނެ އެތައް ފުރުސަތުތަކެއް އެތަނުގައި ގާއިމުކޮށްފައިވާ ކަމަށް އަނިލް ވިދާޅުވިއެވެ.
"އެތަނުގައި އެބަހުރި ހުރިހާ ފެސިލިޓީސްތަކެއް، އެކިކަހަލަ ބެންކްއެޓް ހޯލްސް، ގެސްޓް ރޫމްސް، ހަމައެހެންމެ އެކިކަހަލަ ރެސްޓޯރެންޓް ޑެމޮންސްޓުރޭޝަންސް ކިޗަންސް ތަކާއި ލެބްސް ތަކާއި ލެކްޗަރާސް ރޫމުސް ތަކާ މިހެން ގޮސް އެތައް ފެސިލިޓީސް ތަކެއް އެބަ ހުރި. އެހެންކަމުން ކުރިއަށް އޮތްތަނުގައި ވަރަށް ރަނގަޅު ލާނިން އެކްސްޕީރިއަންސެއް މިފެކަލްޓީން ލިބިގެންދާނެ." އަނިލް ވިދާޅުވިއެވެ.
އަނިލް ވިދާޅުވީ މިހާރު ކުރިއަށްދަނީ އެފެކަލްޓީ އަށް ކުދި ކުދި ބަދަލުތައް ގެނައުމުގެ މަސައްކަތް ކަމަށެވެ.
ފެކަލްޓީ ހަވާލުކޮށްދެއްވަމުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސަލްމާން ޚޫރުޝީދު ކުރިން ވިދާޅުވީ އިންޑިއާގެ މަޝްހޫރު ހޮޓެލް މެނޭޖްމެންޓް އިންސްޓްޓިއުޝަންތަކާ ފެކަލްޓީއާ ދެމެދު (ތަޖުރިބާ އާއި މައުލޫމާތު) ހިއްސާ ކުރުން ފަދަ ކަންތައްތައް ވެސް ކޮށްދޭނެ ކަމަށެވެ. ރާއްޖޭގެ ގައުމީ ޔުނިވަސިޓީ އާއި އިންޑިއާގެ އިންސްޓްޓިއުޝަންތަކާ ދެމެދު ގުޅުން އުފެއްދުމަށް ހިތްވަރު ދިނުމުގެ ގޮތުން އިންޑިއާ ސަރުކާރުން ގައުމީ ޔުނިވަސިޓީއާ ގާތުން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އާ ފެކަލްޓީއެއްގައި ޓުރިޒަމްގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށް ފަށާއިރު އެފެކަލްޓީން ވަނީ މާސްޓާސް ޕުރޮގުރާމެއް އަންނަ އަހަރުން ފެށިގެން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.
އެފެކަލްޓީއަކީ 1987 ވަނަ އަހަރު އދ. އާއި ޔޫރަޕިއަން ޔޫނިއަންގެ އެހީގައި ހުޅުވި ފެކަލްޓީއެކެވެ. އޭރު އެފެކަލްޓީގައި މަސައްކަތް ކުރަމުން ދިޔައީ ހުސް ބޭރުގެ ލެކްޗަރާ އިންނެވެ. އެހެން ނަމަވެސް މިހާރު 95 ޕަސެންޓް ލެކްޗަރާއިންނަކީ ދިވެހިންނެވެ.