26 Nov 2014, 13:32
އއ. ތޮއްޑޫގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް 31 މިލިއަން ރުފިޔާއަށް އެމްޑަބްލިޔުއެސްސީ އާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއެކޮށްފިއެވެ.
މިއަދު އެންވައިރިމެންޓް މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެންވައިރިމެންޓް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމް އެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އުމަރު އެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތަށް ފަހު މިނިސްޓަރު ތޯރިގް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެ ރަށުގައި ޕްލާންޓް ބެހެއްޓުމުގެ އިތުރުން، ފެން ރައްކާކުރާ ތާނގީ ބެހެއްޓުމާއި ރަށުގެ ގޭގެއަށް ފެނުގެ ނިޒާމް ގުޅައިދިނުން ހިމެނޭ ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ މަސައްކަތް ނުވަ މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ކަމަށާއި، މި ޕްރޮޖެކްޓުގެ ފަންޑިންގް ހަމަޖެހިފައި ވަނީ ސަރުކާރުގެ ބަޖެޓުންނާއި ގްލޯބަލް އެންވައިރަމެންޓަލް ފެސިލިޓީގެ ފަރާތުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މި އެއްބަސްވުމުގެ ދަށުން ފުރަތަމަ މަސައްކަތް ކުރެވޭނީ އެރަށުގައި އާރޯ ޕްލާންޓެއް ގާއިމްކުރަން. އެއަށް ފަހު ސްޓޯރޭޖް ޓޭންކްތައް ބެހެއްޓިގެން ދާނެ. މި މަސައްކަތް ނިމިގެން ދާއިރު ރަށުގެ ހުރިހާ ގެއަކަށް ވެސް ފެން ގުޅައިދެވޭނެ. ތޮއްޑޫ އަކީ ދަނޑުވެރި ރަށަކަށް ވުމުން، ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ވެސް މި މަޝްރޫއުގެ ދަށުން ސާފު ފެން ލިބިގެން ދާނެ،" މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު އިތުރަށް ވިދާޅުވީ އއ. ތޮއްޑޫއަކީ ފެނުގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެއް ކަމަށާއި، މި އެއްބަސްވުމުގެ ދަށުން ގާއިމްކުރެވިގެންދާ ނިޒާމްގެ ސަބަބުން ރަށަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށެވެ. އަދި މި މަޝްރޫއުގެ އިތުރުން އިތުރު ދެ ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތާއި، އަށް ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ވެސް މިހާރު ކުރިއަށް ދާކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
"އއ. އުކުޅަހުގައި ފެނުގެ ނިޒާމް ގާއިމުކުރުމަށް މިއަހަރު ކުރީކޮޅު ފެށްޓި ޕްރޮޖެކްޓް ވަނީ ނިމިފަ، މިހާރު ކުރިއަށް ދަނީ ފެން ޓެސްޓުކޮށް، ސިސްޓަމް އޮޕަރޭޝަނަލް ލެވެލް އަކަށް ގެނައުމުގެ މަސައްކަތްތައް. އަދި އަންނަ އަހަރުތެރޭ ކުރިން މި ދެންނެވި ދިހަ މަޝްރޫއު ނިމި، އެ ރަށްރަށަށް ދިމާވެފައިވާ ފެނުގެ މައްސަލަތައް ވެސް ހައްލުވެގެން ދާނެ. މީގެ އިތުރުން 16 ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް އަޅުގަނޑުމެންނަށް މިހާރު ވަނީ ބޭރުގެ ފައިސާ އާއި އެހީ ލިބިފަ. އަންނަ އަހަރު ކުރީކޮޅު މި މަސައްކަތް ތަކަށް ޑިޒައިން ޓެންޑާތައް ހުޅުވާލެވި، އަހަރުގެ ފަހުކޮޅު އެ މަސައްކަތްތައް ވެސް ފެށްޓިގެން ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މި ހަފްލާގާއި އެމްޑަބްލިޔުއެސްސީގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އުމަރު ވިދާޅުވީ މި މަޝްރޫއު ތާވަލުކުރެވިފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ކުރިއަށް އޮތް ނުވަ މަސްދުވަހުގެ ތެރޭގައި މިމަޝްރޫއު ނިންމާލަން މަސައްކަތް ކުރައްވާނެ ކަމަށެވެ.