26 Nov 2014, 13:21
ސޫރިޔާގެ ވެރިކަން ގަދަބާރުން ދިފާއުކުރުމަށް ހަނގުރާމަ ކުރާ އެގައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ސިފައިން ބޮން އެޅުމުގެ ސަބަބުން ރައްގާ ގެ 63 މީހުން މަރުވެއްޖެއެވެ.
ސޫރިޔާ ހަނގުރާމައިގެ ހާލަތު ބަލަމުން އަންނަ ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް (ސޮހުރު) އިން މިއަދު ބުނީ މަރުވި 63 މީހުންގެ ތެރެއިން 36 މީހުންނަކީ އާއްމުން ކަމަށެވެ. އެހެންވެ، އެޖަމާއަތުން އެކަން ސިފަކޮށްފައި ވަނީ ގަތުލުއާއްމެއްގެ ގޮތުގައެވެ.
މަރުވިމީހުންގެ އިތުރުން އެތައް ބަޔަކު ޒަހަމްވި ކަމަށާއި ޒަހަމްވި މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް ވެސް އެޖަމާއަތުން ބުންޏެވެ. އަދި ބުނީ މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ސޫރިޔާގެ ވައިގެ ސިފައިން އިއްޔެ ވަނީ 10 ފަހަރެއްގެ މަތިން ރައްގާއަށް ބޮން އަޅާފައެވެ.
ސޫރިޔާ އާއި އިރާގުގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ނަމުގައި ދައުލަތެއް އުފައްދައިގެން އުޅޭ ޖަމާއަތުން އެދައުލަތުގެ ވެރިރަށް ކަމުގައި ބަލަމުން އަންނަ އެ ރަށަށް އެމެރިކާ އާއި އެގައުމުގެ ބައިވެރިން ވެސް ދަނީ ބޮން އަޅަމުންނެވެ.