30 Jan 2011, 14:50
ދިރާގު 6 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގުގައި ރޭ ކުޅެވުނު ދެވަނަ ބުރުގެ ފުރަތަމަ މެޗުންވެސް ޓީރެކްސް މޮޅުވެ 8 ޕޮއިންޓާއެކު ލީގު ޗެމްޕިއަންކަން ގާތްގަޑަކަށް ކަށަވަރުކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުރިއަށްދާ މުބާރާތުގައި ރޭ ޓީރެކްސް ވާދަވެރި ހަރިކޭން އަތުން މޮޅުވީ ފޯރިގަދަ ކުޅުމެއްގައި 78-84 ޕޮއިންޓްގެ ކުޑަ ތަފާތަކުންނެވެ. މިމެޗުގައިވެސް ޓީރެކްސްގެ އެންމެ ބޮޑު ހިތްވަރަކަށްވީ މާލިކުގެ މޮޅު ކުޅުމެވެ. މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމަށް އޭނާ ވަނީ 34 ޕޮއިންޓް ބަޔަށް ހޯދައިދީފައެވެ.
ޓީރެކްސްއަށް ލީގު ލިބޭނެކަން ގާތްގަޑަކަށް ކަށަވަރުވީ ހަރިކޭން މިހާރުވެސް ދެމެޗުން ބަލިވެފައި އޮތުމުގެ ސަބަބުންނެވެ. ޓީރެކްސްއަށް ކުރިއަށް ދެން އޮތީވެސް ދެމެޗެވެ. އެދެމެޗުން ބަލިވި ނަމަވެސް ހަރިކޭނާ ޕޮއިންޓްގެ ގޮތުން ވާނީ އެއްވަރެވެ. ރެޑްލައިން ފުުރަތަމަ ބުރުގައި ކުޅުނު 3 މެޗުންވެސް ބަލިވިއިރު ސިފައިންގެ ކްލަބްވެސް ވަނީ ފުރަތަމަ ބުރުގައި ދެމެޗުން ބަލިވެފައެވެ.
ލީގު ކަށަވަރު ކުރަން ޓީރެކްސްއަށް ބޭނުންވަނީ ކުރިއަށް އޮތް ދެމެޗުން އެންމެ މޮޅެކެވެ.
މުބާރާތުގައި މިރޭ ކުޅޭނީ ރެޑްލައިން ކްލަބާއި ދިވެހި ސިފައިންގެ ކްލަބެވެ.