ސާނަވީ ދަރިވަރުންނަށް އަމާޒުކޮށްގެން ހެލްތު ސްކްރީނިން މުޅި ރާއްޖޭގައި އަންނަ އަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ގުރޭޑް އެކެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން މިއަހަރު ކުރިއަށް ގެންދިޔަ ހެލްތު ސްކްރީނިން ޕްރޮގުރާމްގެ ނަތީޖާ ފާޅުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ޑރ. ޖަމީލު ވިދާޅުވީ ހެލްތު ސްކްރީނިން ޕްރޮގުރާމްގެ ފައިދާ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ކުރާނެ ކަމަށެވެ. އަދި އިތުރަށް ނައިބު ރައީސް ވިދާޅުވީ އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ގާއިމުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި ހެލްތު ސްކްރީނިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް ސުކޫލުތަކުގެ ތެރޭގައި ނަފްސާނީ އަދި އިޖްތިމާއީ ގޮތުން ދިމާވާ ކަންކަމުގެ ފަރުވާ ހޯދުމަށް ޓަކައި މުދައްރިސުން ތަމްރީން ކުރައްވާ ޕްރޮގުރާމްތަކެއް ވެސް ވަނީ ހިންގައިފައި." ނައިބު ރައީސް ގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ސަރުކާރުން ހިންގާ ސިއްހީ ސިޔާސަތުގެ ތެރެއިން އެންމެ މުހިއްމު އެއް ބަޔަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކީ ފުރިހަމަ ސިއްހަތެއްގައި ދިރިއުޅޭ ރައްޔިތެއްކަން ކަށަވަރު ކުރުން ކަމަށް ނައިބު ރައީސް ފާހަގަކުރެއްވި އެވެ. އެ މަސައްކަތުގެ ތެރެއިން އެންމެ މުހިއްމު ކަމަކީ ބަލިތަކަށް ދުރާލާ ރައްކާތެރިވެވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވީ ދުރާލާ ބަލިތަކުން ރައްކާތެރިވުމަކީ މުހިއްމު ކަމަކަށް ވާހިނދު ސާނަވީ މަރުހަލާ އަށް މިކަން ފަހިވެގެން ދިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"ކުރިއަށް މިއޮތް ދިރާސީ އަހަރުގައި ގުރޭޑް އަށަކުން ފެށިގެން މި މަސައްކަތް އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ދަރިވަރުންގެ މެދުގައި އަޅުގަނޑުމެން ފަށާނަން." ނައިބު ރައީސް ވިދާޅުވި އެވެ.

މިއަހަރު ކުރިއަށް ގެންދިޔަ ހެލްތު ސްކްރީނިންގައި އަތޮޅު ތެރޭގެ 4588 ދަރިވަރުންނާއި މާލޭގެ 1743 ދަރިވަރުން ވަނީ ސްކްރީން ކޮށްފަ އެވެ.