26 Nov 2014, 12:42
ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އިން ފުރަތަމަ ފަހަރަށް ފަށާ މާސްޓާސް ޕުރޮގުރާމް ލޯންޗުކޮށް އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެފެކަލްޓީގައި މިއަދު ބޭއްވި ހަފްލާއެއްގައި މާސްޓާސް ޕުރޮގުރާމް ލޯންޗު ކޮށްދެއްވީ ޓޫރިޒަމް އިންޑަސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެެން ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްއެވެ.

މާސްޓާސް ޕުރޮގުރާމް ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ
އެޕުރޮގުރާމް ލޯންޗު ކުރުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ މިއީ ޒުވާނުން ޓޫރިޒަމް ދާއިރާއަށް ނުކުތުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށާއި ޒުވާނުން މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފުން އެދޭ ކަމަށެވެ. މިސަރުކާރުން 94000 ވަޒީފާ އަލަށް އުފައްދާއިރު އޭގެ ތެރެއިން ތިންބައި ކުޅަ އެއްބައި ވަޒީފާ އުފެދިގެންދާނީ ޓޫރިޒަމް ދާއިރާއިން ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.
"އަހަރަކު 10 ރިސޯޓް، އެހެން ކަމުން ފަސް އަހަރުގެ ތެރޭގައި 50 ރިސޯޓް ހުޅުވޭ އިރު ޓޫރިޒަމް އިންޑަސްޓްރީ އިން 25000 ވަޒީފާ އަލަށް ތައާރަފު ވެގެންދާނެ." މަލީހު ވިދާޅުވިއެވެ.

މާސްޓާސް ޕުރޮގުރާމް ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ
ފެކަލްޓީފް އޮފް ޓޫރިޒަމް ސްޓަޑީޒް އިން އަލަށް ފަށްޓާ މާސްޓާސް ޕުރޮގުރާމާއި ގުޅޭ ގޮތުން އެފެކަލްޓީގެ ޑީން ޒީނާޒު ހުސެއިން ވިދާޅުވީ މިޕުރޮގުރާމަކީ ޔުނިވާސިޓީގެ އަމިއްލަ ކޯހަކަށްވާ އިރު އެކޯހުގައި ކިޔަވައިދެއްވާނީ ރާއްޖެއިން ބޭރުގެ ފަރާތްތަކުން ކަމަށެވެ. މިފެށޭ އަހަރުުގެ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާ އެޕުރޮގުރާމުން 15 ދަރިވަރަކަށް ފުރުސަތު ދެއްވާނެ ކަމަށް ވެސް ޒީނާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި މާސްޓާސް ޕުރޮގުރާމަކީ އެހެން ވަޒީފާ ތަކުގައި އުޅެމުން ވަރަށް ފަސޭހައިން ކިޔެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕުރޮގުރާމެއް ކަމަށެވެ.

މާސްޓާސް ޕުރޮގުރާމް ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ
އެފެކަލްޓީގެ ލެކްޗަރާއެއް ކަމަށްވާ އަނިލް އާދަމް ވިދާޅުވީ މި ޕުރޮގުރާމަކީ ވަރަށް ގިނަ މާސްޓާސް ޕުރޮގުރާމްތައް ބެންޗްމާކު ކުރެވިގެން ހަދައިފައިވާ ޕުރޮގޮރާމެއް ކަމަށާއި މާސްޓާސް ނިންމާފައި ޕީއެޗްޑީ އަށް ރާއްޖެއިން ބޭރުގެ ކޮންމެ ޔުނިވާސިޓީއަކަށް ދާން ބޭނުން ނަމަވެސް ކުރެޑިޓް ޓުރާންސްފާ ހެދޭނެ ކަމަށެވެ.
މިއީ ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ސަބްސިޑައިޒް ކޮށްގެން ކުރިއަށްގެންދާ ޕުރޮގުރާމަކަށް ވުމުން މިޕުރޮގުރާމްގެ ފީއަކީ 30000 ރުފިޔާއާ ކަމަށާއި އާންމުގޮތެއްގައި މާސްޓާސް އެއްގެ އަގަކީ ދެ ލައްކަ ރުފިޔާ ކަމަށް ވެސް އަނިލް ވިދާޅުވިއެވެ.