26 Nov 2014, 12:27
މޯލްޑިވްސް ސްޓްރަކްޗްރަލް ޕްރޮޑަކްޓްސް (އެމްއެސްޕީ) އިން ޑިސްޓްރިބިއުޓް ކުރަމުން އަންނަ އެމްއެސްޕީ ޓިނަށް ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ އާއި ރެއިންބޯ އެންޓަޕްރައިސަސް އާ އެކު އެ ކުންފުނިން ފަށައިފި އެވެ.
ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ކަލާބޯންޑް ޝީޓް ބޭނުންކޮށްގެން އުފައްދާ އެމްއެސްޕީ ޓިނު ރާއްޖޭގައި މާކެޓް ކުރާ ހަމައެކަނި ދެ ކުންފުންޏަކީ އެމްއެސްޕީގެ ދެ ޕާޓްނަރުން ކަމަށްވާ އެސްޓީއޯ އާއި ރެއިންބޯ އެންޓަޕްރައިސަސް އެވެ. އެގޮތުން އެ ދެކުންފުނީގެ ފިހާރަތަކުން ވެސް ލިބެން ހުންނާނީ އެމްއެސްޕީގެ އޮރިޖިނަލް ޓިނެވެ.
އެ ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި އެސްޓީއޯ އާއި ރެއިންބޯގެ ހުރިހާ ފިހާރަތަކެއްގައި ޕްރޮމޯޝަން އިސްތިހާރެއްގައި ކޫޕަންކޮޅެއް ހަރުކޮށްފައި ހުންނާނެ ކަމަށް އެމްއެސްޕީން ބުނެއެވެ. އެގޮތުން އެ ކޫޕަންކޮޅު ފުރާލުމަށްފަހު މާލެ އާއި އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ އެސްޓީއޯ އަދި ރެއިންބޯގެ ކޮންމެ ފިހާރައެއްގައި ހުންނަ ކޫޕަން ފޮއްޓަކަށް ކޫޕަންކޮޅު ވައްޓާލުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
އެސްޓީއޯ އާއި ރެއިންބޯ އިން ހުށަހަޅާފައިވާ އަގުހުރި އިނާމުތަކަކާ އެކު، "ކޮންމެ ކުލަ ޓިނަކީ މޮޅު ޓިނެއް ނޫން" ނަމުގައި ފަށާފައިވާ އެ ޕްރޮމޯޝަންގައި ނަސީބުވެރި ފަރާތަކަށް އަތުން އެއްވެސް ހަރަދެއް ނުކޮށް ވަރަށް އަގުހުރި އިނާމުތަކެއް ލިބެއެވެ.
އެގޮތުން އިނާމުތަކުގެ ތެރޭގައި ފިލިޕްސް 50 އިންޗީގެ ޓީވީ އަކާއި ސޯފާ ސެޓަކާއި ހިޓާޗީ ރެފްރިޖިރޭޓަރަކާއި ދޮންނަ މެޝިނަކާއި ބަދިގޭ މޭޒަކާއި ފިލިޕްސް އެއާ ޕްރަޔާ އަކާއި ސޯފާ ބެޑް އަދި ބެޑްރޫމް ސެޓް ފަދަ އަގުހުރި އިނާމުތަކެއް ހިމެނެ އެވެ.
އެ ޕްރޮމޯޝަން ކުރިއަށްދާނީ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.