26 Nov 2014, 12:07
ލ. އަތޮޅުގެ ރަށްތަކުގެ މެދުގައި އެއަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން "ލ. އަތޮޅު ކައުންސިލްގެ ބަށިބޯޅަ މުބާރާތް 2014" ގެ ނަމުގައި ބާއްވާ ބަށި މުބާރާތެއް ފަށައިފި އެވެ.
މިދިޔަ ހޯމަ ދުވަހު ފެށި މި މުބާރާތުގެ މެޗުތަކުގެ ކުޅުން ކުރިއަށް ގަންދަން ހަމަޖެހިފައި ވަނީ ލ. ފޮނަދޫ ބަރާސިލް އަވަށުގެ ބަށިބޯޅަ ކޯޓުގައެވެ.
މި މުބާރާތުގައި ލ. އަތޮޅުގެ ހަ ރަށަކުން މުޅިއެކު 13 ޓީމެއް ބައިވެރިވެފައި ވެއެވެ. އެގޮތުން ލ. އަތޮޅު ގަމުން ފަސް ޓީމް ބައިވެރިވެފައި ވާއިރު، ފޮނަދޫ ހަތަރު ޓީމަކާއި، މާވަށާއި މުންޑޫ، މާބައިދޫ އަދި ދަނބިދޫ ކޮންމެ ރަށަކުން ޓީމެއް ބައިވެރިވެފައި ވެއެވެ.
މި މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ރާއްޖޭގެ ބަށިބޯޅަ ފައުންޑޭޝަންގެ ބަށިބޯޅަ ގަވާއިދުތަކާ އެއްގޮތަށެވެ. އަދި މި މުބާރާތުގެ އަންޕަޔަރުކަން ކުރަން ހަމަޖައްސާފައި ވަނީ ބަށިބޯޅަ ފައުންޑޭޝަންގެ ދެ އަމްޕަޔަރުންނެވެ.
މި މުބާރާތުގައި މިހާތަނަށް ފަސް މެޗު ކުޅެފައިވެ އެވެ. އެގޮތުން މިމަހުގެ 24 ވަނަ ދުވަހު ދެ މެޗު ކުޅެފައި ވާއިރު، މި މުބާރާތުގައި އިއްޔެ ވަނީ ތިން މެޗެއް ކުޅެފައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައި ވަނީ ލ. ގަމު މުކުރިމަގު އޯކިޑް އާއި ލ. ފޮނަދޫ ހެލްޕިންގް ހޭންޑްސް އޮފް މޯލްޑިވްސް އެވެ. މި މެޗު 25 ލަނޑު 4 ފޯލިން ކާމިޔާބު ކޮށްފައި ވަނީ އޯކިޑް ޓީމުންނެވެ. މުބާރާތުގެ ދެވަނަ މެޗުގައި ލ. ފޮނަދޫ ބުލްބުލް އާއި ލ. ގަމު ރިއަލް އައިލެންޑް ބަށި ޓީމް ބައްދަލުކޮށްފައި ވާއިރު، މި މެޗު 29 ލަނޑު 9 ފޯލިން ކާމިޔާބުކޮށްފައި ވަނީ ރިއަލް އައިލެންޑް އެވެ.
މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލިކޮށްފައި ވަނީ ރަނިން ޓީމް އާއި މާސް އެވެ. މި މެޗު 27 ލަނޑާއި 5 ފޯލިން ކާމިޔާބު ކޮށްފައި ވަނީ މާސް އެވެ. އިއްޔެ ކުޅުން ދެވަނަ މެޗުގައި މާވަށު ބަށި ޓީމް އާއި ފިޔެސް ކޮކާ ބައްދަލުކޮށްފައި ވާއިރު، 18 ލަނޑު 11 ފޯލިން މި މެޗު ކާމިޔާބު ކޮށްފައި ވަނީ މާވަށު ބަށި ޓީމްއެވެ. މުބާރާތުގައި އިއްޔެ ކުޅުން އެންމެ ފަހު މެޗުގައި ބައްދަލުކޮށްފައި ވަނީ މުކުރިމަގު އޯކިޑް އާއި ދަނބިދޫ ބަށި ޓީމްއެވެ. މި މެޗު އޯކިޑް ޓީމުން ކާމިޔާބު ކޮށްފައި ވަނީ 28 ލަނޑާއި 11 ފޯލިންނެވެ.
މި މުބާރާތުގައި މިއަދުވެސް ތިން މެޗެއް ކުޅެން ހަމަޖެހިފައި ވާއިރު، މި މެޗުތަކުގެ ކުޅުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިއަދު ހަވީރު އެވެ.