26 Nov 2014, 11:52
ހުޅުމާލޭ ފަޅުތެރެއަށް ފައްތައި ރައްކާކޮށްފައިވާ ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ހޯދައި ހަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭ ފަޅުތެރެއަށް ބަނގުރާ ފުޅިތަކެއް ފައްތާ ރައްކާކޮށްފައިވާ ކަމުގެ މައުލޫމާތު ޕޮލިސް އިންޓަލިޖެންސަށް ލިބުމާއެކު އެތަކެތި ހޯދުމަށް އޮޕަރޭޝަނެއް ފެށީ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގެ 10:30 ހާއިރު ކަމަށާއި މިހާތަނަށް ކުރި މަސައްކަތުން 33 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 21 އަހަރުގެ ދެ މީހުންގެ އިތުރުން 27 އަހަރުގެ މީހެއް ކަމަށެވެ.

ހުޅުމާލޭ ފަޅުތެރެއަށް ފައްތާފައިހުރި ބަނގުރާ ފުޅިތައް ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދަނީ -- ފޮޓޯ: ޕޮލިސް މީޑިއާ
އެ މީހުންގެ ތެރެއިން 23 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މި ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ހުޅުމާލެ ޖެޓީ މަތިން ކަމަށް ފުލުހުން ބުންޏެވެ. އަދި ހަމަ އެދުވަހު 26 އަހަރުގެ މީހާއާއި 25 އަހަރުގެމީހެއްގެ އިތުރުން 21 އަހަރުގެ ދެ މީހަކު ހައްޔަރުކުރީ ހުޅުމާލެ ފަޅުތެރޭގައި އޮތް ގަލްފް ކްރާފްޓް ލޯންޗެއްގައި ތިއްބައި ކަމަށާއި ލޯންޗުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، 25 އަހަރުގެ މީހާއަކީ ބިދޭސީއެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން 27 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ފަޅުތެރެއަށް ފުޅި އަޅައިގެން ޑައިވިނަށް ގޮސްފައި މައްޗަށްއެރި ވަގުތު ކަމަށް ފުލުހުން ބުންޏެވެ.
މިއަދު ހޯދާއިފައިވާ 32 ފުޅީގެ ތެރެއިން 12 ފުޅި ބަނގުރާ ހޯދާފައި ވަނީ ބާސްކެޓަކަށް އަޅާ ފަޅުތެރެއަށް ފައްތާފައި ވަނިކޮށެވެ. އަދި 20 ފުޅި ބަނގުރާ ހޯދައިފައިވަނީ ފޮއްޓެއްގައި ބަނދު ކުރުމަށްފަހު ފަޅުތެރެއަށް ފައްތާފައި ވަނީކޮށް ކަމަށް ފުލުހުން ބުންޏެވެ.