ޑާކާ (ނޮވެމްބަރު 26): އިސްލާމް ދީނުގެ ފަރުޟު އަޅުކަމެއް ކަމުގައިވާ ޙައްޖުގެ މަތިވެރި އަޅުކަމަށް ފާޑުވިދާޅުވެ މަލާމާތް ކުރެއްވި ބަންގްލަދޭޝްގެ ސިޔާސީ ލީޑަރަކު ހައްޔަރުކޮށްފި އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އާ ވަރަށް އަރިސް ސިޔާސީ ބޭފުޅެއް ކަމަށްވާ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަބްދުއްލަތީފް ސިއްދީގު، ބަންގްލަދޭޝްގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އޭނާ އެމެރިކާއަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަތުމާއެކު ޑާކާ އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ.

ސިއްދީގު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ނިޔުކޯކްގައި ވާހަކަފުޅުދައްކަވަމުން ހައްޖުގެ މަތިވެރި އަޅުކަމަކީ ގައުމުގެ އިގްތިސާދަށް ގެއްލުންވާ ބާވަތުގެ ވިޔަފާރީގެ މުޢާމަލާތެއް ކަމަށް ސިފަކުރައްވައި ޙައްޖުގެ އަޅުކަމާ ގުޅުވައިގެން ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށްވެސް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައިވެއެވެ. އޭނާ ހައްޔަރުކުރީ މިކަމާބެހޭ ތަހްގީގްތައް ކުރުމަށް ކަމަށް ބަންގްލަދޭޝްގެ ފުލުހުން ބުނެއެވެ.

މާތްވެގެންވާ އިސްލާމް ދީނާއި އެދީނުގެ އަޅުކަންތަކާ އަދި ޝިޢާރުތަކަށް ފާޑުކިޔައި ފުރައްސާރަ ކުރުމަކީ ބަންގްލަދޭޝްގެ ގާނޫނުގައި ބޮޑެތި އަދަބުތައްދެވޭ ކުށެކެވެ.

ބަންގްލަދޭޝްގެ އިދިކޮޅު ސިޔާސީ ޕާޓީތަކާ އަދި އިސްލާމީ ޖަމިއްޔާ ޖަމާއަތްތަކުން ވަނީ މުރުތައްދުވީ ކަމުގެ ތުހުމަތުގައި އަބްދުއްލަތީފް ސިއްދީގުގެ މައްޗަށް ދައުވާއުފުލާފައެވެ.

އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާކުރާ މީހުން ބަންގްލަދޭޝްގެ ސިޔާސީ މަސްރަހުން އެކި ދުވަސްވަރު ބޭރުކޮށްލާފައިވެއެވެ. އަދި ގައުމުގައި ދިރިއުޅެން އުނދަގޫވުމުގެ ސަބަބުން މިފަދަ މީހުންވަނީ ބޭރު ގައުމުތަކަށް އެމީހުންގެ ދިރިއުޅުން ބަދަލުކޮށްފައެވެ.

އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ސަބަބުން ގައުމު ދޫކޮށް ދާންޖެހުނު މީހުންގެ ތެރޭގައި ތަސްލީމާ ނަސްރީނު ހިމެނެއެވެ. އެމައްސަލަ އަށްފަހު ކުރިމަތިވި ފިއްތުންތަކާ ގުޅިގެން ގައުމު ދޫކޮށް އޭނާ ދިރިއުޅެމުން ގެންދަނީ އިންޑިޔާގައެވެ. (ރޮއިޓާސް)