މިޒޫރީ (ނޮވެމްބަރު 26): އެމެރިކާގެ މިޒޫރީ ސްޓޭޓްގެ ފާގަސަން ސިޓީގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށްޓަކައި އެމެރިކާގެ ނެޝަނަލް ގާޑުންގެ ބާރެއް އެ ސަރަހައްދަށް ފޮނުއްވުމަށް އެ ސްޓޭޓްގެ ގަވަރުނަރު އަމުރު ކުރައްވައިފި އެވެ.

މިޒޫރީގެ ގަވަރުނަރު ޖޭ ނިކްސަން ވިދާޅުވީ، ފާގަސަންގެ ސެންޓް ލުއިސް އަވަށުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށާއި އާންމުންގެ ގެދޮރާއި މުދަލާއި ވިޔަފާރީގެ މަސްލަޙަތުތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގައެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށްޓަކައި ނެޝަނަލް ގާޑުންގެ ބާރެއް އެސަރަހައްދަށް ފޮނުއްވައި އަމަން ބަލަހައްޓާނެ ކަމަށާއި އަދި ހަމަނުޖެހުންތައް އުފައްދާ ފަރާތްތަކާ މެދު ގާނޫނުތައް ތަންފީޒުކުރުމުގެ ކަންތައް ކަށަވަރު ކުރުމަށްޓަކައި އެ ސްޓޭޓްގެ ފުލުހުންނާއި ގާނޫނުތައް ތަންފީޒުކުރާ އެ ނޫންވެސް މުއައްސަސާތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވާނެ ކަމަށް ނިކްސަން ވިދާޅުވި އެވެ.

ފާގަސަން ސިޓީގެ ސެންޓް ލުއިސް އަވަށުގައި ހަމަނުޖެހުންތައް އުފެދުނީ، އެ ސްޓޭޓްގެ ފުލުހުންގެ ތެރޭގައި ހިމެނޭ ދޮންނަސްލުގެ މީހަކު ގަސްދުގައި ބަޑިޖަހައި މަރާލި ކަޅުނަސްލުގެ ޒުވާނެއްގެ މަރުގެ މައްސަލަ ބަލައި ތަހްގީގު ކުރި ޖޫރީންގެ ކޮމިޓީން، ދޮންނަސްލުގެ ފުލުސް މީހާގެ ކުށެއްނެތް ކަމަށް ނިންމުމާ ގުޅިގެންނެވެ. މިއީ އެމެރިކާގެ ކަޅުމީހުންނާމެދު އެގައުމުގެ ދޮންމީހުން ގެންގުޅޭ ނަސްލީ އިމްތިޔާޒުގެ ނިންމުމެއްކަމަށް ކަޅުމީހުންނާއި އިންސާނީ ހައްގުތަކާއި މަދަނީ ހައްގުތަކަށް ވާކާލާތުކުރާ އެމެރިކާގެ ޖަމްއިއްޔާ ޖަމާއަތްތަކުން ދެކެއެވެ.

ފާގަސަންގައި ކުރިޔަށްދާ ހަމަނުޖެހުންތަކުގައި ފިހާރަތަކާއި އިމާރާތްތަކުގެ ހުޅަޖަހައި މިހާތަނަށް 12 އިމާރާތެއް އަންދާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިޒޫރީގެ ފުލުހުންގެ ތެރޭގައި ހިމެނޭ ދޮންނަސްލުގެ މީހަކު ގަސްދުގައި ބަޑިޖަހައި ކަޅު ނަސްލުގެ ޒުވާނާ މަރާލި ހާދިސާ ހިނގި ދުވަސްވަރުވެސް ފާގަސަން ސިޓީގައި ބޮޑު ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ. (ރޮއިޓާސް)