26 Nov 2014, 11:33
ދުނިޔޭގެ ބާރުތަކުގެ އެއްވުންތަކުގައި މިސަރަހައްދު (ދެކުނު އޭޝިއާ ސަރަހައްދު)ގެ އަޑެއް ނީއްވޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.
ނޭޕާލްގެ ކަތަމަންޑޫގައި މިހާރު ކުރިޔަށްދާ 18 ވަނަ ސާކް ސަމިޓްގައި ދާދި ދެންމެ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބަވަނަ ވެފައިވާ މިޒަމާނުގައި އެހެން ސަރަހައްދުތަކާ އޮންނަ ގުޅުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.
"މިސަރަހައްދަކީ ދުނިޔޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި އޮތް ސަރަހައްދު. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ބަސް ބުނެވެނީ ވަކި ވަރަކަށް. ދުނިޔޭގެ ބާރުތަކުގެ އެއްވުންތަކުގައި އަޅުގަނޑުމެންގެ އަޑު އެކަށީގެންވާ ވަރަކަށް ނުއިއްވޭ،" ރައީސް ވިދާޅުވި އެވެ.

ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި މިހާރު ކުރިއަށްދާ 18 ވަނަ ސާކް ސަމިޓްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް --
އަދި ވިދާޅުވީ 21 ވަނަ ގަރުނަކީ އޭޝިއާގެ ގަރުނެއް ކަމަށާއި އިންސާނީ އަދި އެހެނިހެން ވަސީލަތްތަކުގެ ގޮތުން މިސަރަހައްދަށް އިތުރު ފުރުސަތު އެބަ އޮތް ކަމަށެވެ. މިސަރަހައްދުގެ ގައުމުތަކުގެ ސުލްހަ އާއި ކުރިއެރުމުގައި ވިޔަފާރިއަކީ މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އެހެން ސަރަހައްދުތަކާ ގައުމުތަކާ އެކު ގުޅުން ބަދަހި ކުރުމުގެ މުހިއްމުކަން ބޮޑުވެފައިވާ ކަން ވެސް ރައީސް ޔާމީނު ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކުގައި މަސައްކަތް ކުރަން ޝައުގުވެރިވާ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ވެސް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ދިރިއުޅެމުން މިއަންނަނީ އެކި ސަރަހައްދުތަކުގެ މެދުގައި އޮންނަ ގުޅުމަށް ބަލަން ޖެހޭ، ބަވަނަ ވެފައިވާ ދުނިޔެއެއްގައި. ބައިނަލް އަގުވާމީ ގޮތުން ސަރަހައްދީ އެއްބާރުލުމަށް އަޅުގަނޑުމެން ސަމާލުކަން ދޭން ޖެހޭ. އެހެން ނަމަވެސް އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރަން ޝައުގުވެރިވާ އެހެން ގައުމުތަކާ އެކުގައި ގުޅުން ބަދަހިކުރަން ވެސް އަޅުގަނޑުމެން ސަމާލުކަން ދޭން ޖެހޭ،" އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ސާކަކީ ނަތީޖާ ނެރެވޭ ޖަމާއަތަކަށް ހެދުން މުހިއްމު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ވިދާޅުވީ ރާއްޖޭން ސާކްގެ ރިޔާސަތު ބެލެހެއްޓި، ފާއިތުވި ދައުރުގައި އެޖަމާއަތަށް އިސްލާހުތައް ގެނައުމަށް ރާއްޖޭން މަސައްކަތް ކުރި ކަމަށެވެ.

ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި މިހާރު ކުރިއަށްދާ 18 ވަނަ ސާކް ސަމިޓްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް
ސާކް ގެ ރިޔާސަތާ އަލަށް ހަވާލުވި ނޭޕާލުގެ ވެރިންނަށް ރައީސް ޔާމީން ގެ ވާހަކަފުޅުގައި މަރުހަބާ ވިދާޅުވި އެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ އަށް ގައުމު ކަމަށްވާ ނޭޕާލް، ދިވެހިރާއްޖެ، އިންޑިއާ، ސްރީލަންކާ، ބަނގުލަދޭޝް، ޕާކިސްތާން، ބޫޓާން އަދި އަފްޣާނިސްތާންގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ މި ސަމިޓް މިއަދާއި މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.
އެންމެ ފަހުން އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓްގެ ރިޔާސަތު ބެލެހެއްޓެވި ގައުމުގެ ހައިސިއްޔަތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ، ސަމިޓުގެ ރިޔާސަތު ނޭޕާލްގެ ބޮޑު ވަޒީރު ސުޝިލް ކޮއިރަލާއާ ހަވާލު ކުރައްވައިފައެވެ.
ސާކް ސަމިޓްގެ އޮބްޒާވަރުންގެ ގޮތުގައި، ޗައިނާ، އޮސްޓްރޭލިޔާ، ޔޫރަޕިއަން ޔޫނިއަން، އީރާން، ޖަޕާން، މޮރިޝަސް، ބަރްމާ، ސައުތު ކޮރެއާ އަދި އެމެރިކާ ހިމެނެއެވެ.