ސިފައިންގެ ކޯޕަރޭޓިވް ( ސިފްކޯ) އިން ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަޅާ 300 ފްލެޓްގެ އަމަލީ މަސައްކަތް މިއަދު ހެނދުނު ފަށައިފި އެވެ.

އެރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭގައި މިއަދު އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ފްލެޓްތަކުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ.
އެރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

މަސައްކަތް ފަށްޓަވައި ދެއްވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ނާޒިމު ވިދާޅުވީ، އެ މަސައްކަތް ފެށުން ލަސްވީ ވަރަށް ފުރިހަމައަށް ކުރަން ބޭނުންވާތީ ކަމަށެވެ. އަދި ވިދާޅުވީ، އެ މަސައްކަތް ނިންމަން ކަނޑައަޅާފައިވާ 18 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމާނެ ކަމުގެ އިތުބާރު އެބަ އޮތް ކަމަށެވެ. އެގޮތުން އެ މަސައްކަތާއި ހަވާލުވެފައިވާ ކުންފުންޏަކީ އިތުބާރު ހުރި ކުންފުންޏެއް ކަމަށް ވެސް ވިދާޅުވި އެވެ.

"...މިކަން ލަސްވުމުގެ ސަބަބުތަކެއް އެބަހުރި. މިފަދަ ކޮންޑޮމީނިއަމެއް ނުވަތަ މީހުން ދިރިއުޅޭ ތަނެއް ނިމިގެން ދާންވާނީ އޭގެ އެންމެ ފުރިހަމަ ގޮތުގައި. އެހެންކަމުން މިތަނަށް ބޭނުންވާ އެންވަޔަރްމެންޓް އިމްޕެކްޓް އެސެސްމެންޓް ހެދުމާއި އަދި މި އިމާރާތުގެ އެކި ކަހަލަ ފަންނީ މަސައްކަތްތައް ކުރުމުގައި އަޅުގަނޑުމެންނަށް ވަގުތުކޮޅެއް ނެގީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް އިމާރާތް ކުރާ 300 ހައުސިން ޔުނިޓްގެ
މަޝްރޫއަކީ ހުޅުމާލެ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ނޫމަޑީ ރިޒޯޓްސް އެންޑް ރެޒިޑެންސް އަދި ސިފައިންގެ ސިފްކޯއާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ ފްލެޓްތަކުގެ ބިންގާ 2013 ވަނަ އަހަރު އަޅުއްވައި ދެއްވީ އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެ ފްލެޓްތައް ލިބޭ ސިފައިން މިހާރު ވަނީ ކަނޑައަޅައި ނިމި، އެކަމުގެ ލިއުން ވެސް ހަވާލުކޮށްފައެވެ.
އެރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ