ވެެލެންސިއާގެ ފުޓްބޯޅަ ކޯޗިން ޓީމުގައި މިއަހަރުވެސް ހަރަކާތްތެރިވާނީ މިިދިޔަ އަހަރުވެސް ހަރަކާތްތެރިވި މީހުން ކަމަށް ޓީމުން ބުނެފި އެވެ.

އާ އަހަރުގެ ސީޒަނަަށް ތައްޔާރުވުމަށް މިހާތަނަށް މާބޮޑު މަސައްކަތްތަކެއް ކުރެވިފައި ނެތް ވެލެންސިއާގެ ސީއީއޯ އަޙްމަދު ސަލީމް ވިދާޅުވީ ކޯޗިން ޓީމުން ބަދަލެއް ނުފެންނާނެ ކަމަށާއި ނަމަވެސް ކުޅުންތެރިންނަށް ބަދަލު އަންނާނެ ކަމަށެވެ. "އެކަންތައްތަކުގައި މިހާރުވެސް މި އުޅެނީ. ކޯޗުގެ މަގާމުގައި ހުންނާނީ ބިންމާ. އެހެން މަގާމުތަކުގައިވެސް ތިބޭނީ ހަމަ ކުރިންވެސް ހަރަކާތްތެރިވި އޮފިޝަލުން." ވެލެންސިއާގެ އިސްފާރްތަކާއެކު ރޭ ބައްދަލުވުމެއްގައި އިންނަވާ ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ސަލީމް ވިދާޅުވި އެވެ.

ވެލެންސިއާގެ ކޯޗެއްގެ ގޮތުގައި ބިންމާ އަބްދުﷲ ވަޙީދުގެ ނަން އެފް އޭ އެމްގައި ރަޖިސްޓްރީކޮށް ބެންޗުގައި އިން ނަމަވެސް މެޗުތަކުގައި ކޯޗެއްގެ ޒިންމާ ނަގައިގެން މަސައްކަތް ކުރާ މަންޒަރު މިދިޔަ އަހަރު ފެނުނީ އިސްމާއީލް އާސިފް(ކުޑަހީނާ)ގެ ފަރާތުންނެވެ. މީގެ އިތުރުން އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔައީ މުހައްމަދު ޙަލީމް(ބޮޑުޖަޑާ) އެވެ. މެނޭޖަރުގެ މަގާމު ފާއިތުވެދިޔަ ދެ އަހަރު ފުރި އަބުދުއްލަޠީފު ވަނީ މިދިޔަ ސީޒަންގެ ފަހުކޮޅު އަމިއްލައަށް އިސްތިއުފާ ދީފައެވެ.

ސަލީމް ވިދާޅުވީ ޕްރެކްޓިސް ފަށާނެ ދުވަހެެއް އަދި މުޅިން ކަށަވަރު ނުވި ނަމަވެސް އަންނަމަހުގެ ކުރީކޮޅު ޕްރެކްޓިސް ފެށޭނެ ކަމަށް ބެލެވޭ ކަމަށެވެ. "ޕްރެކްޓިސް ފެށުމުގެ ކުރިން ނިންމަން ޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި. އެކަންތައްތައް ހަމަޖެހުނުހާ އަވަހަކަށް ޕްރެކްޓިސް ހަމަ ފަށަންވީ." ސަލީމް ވިދާޅުވިއެވެ.

ދިވެހި ސިފައިންގެ ކްލަބްގެ ކުޅުންތެރިން އެއްބަސްވުމެއްގެ ދަށުން ވެލެންސިއާއަށް ދޫކުރުމަށް ދެ ކްލަބުން ވަނީ ވާހަަކަ ދައްކާފައެވެ. ސަލީމް ވިދާޅުވީ އެކަން ހަމަޖެހިފައިވާ ކަމަށާއި މިހާރު އޮތީ އުސޫލުތައް ނިންމުން ކަމަށެވެ. އެކަން އެފަރާތުން ކުރިއަށް ގެންގޮސްފަ އަޅުގަނޑުމެންނަށް ހުށަހެޅީމަ ފައިނަލްވާނީ. ވަރަށް ޔަގީންކަން އެބައޮތް އެ ކުޅުންތެރިން ވެލެންސިއާގެ ޖާޒީގައި ފެންނާނެ ކަމަށް." ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ މިދިޔަ އަހަރު ކުޅުނު ގިނަ ކުޅުންތެރިން މިއަހަރުވެސް ފެންނާނެ ކަމަށާއި އިތުރު ކުޅުންތެރިންވެސް ޓީމާ ގުޅޭނެ ކަމަށެވެ.

ވެލެންސިއާއަކީ ފާއިތުވެދިޔަ ދެ ސީޒަންގައިވެސް ތަފާތު މައްސަލަތައް ކުރިމަތިވެ ގަދަ 4 ގެ ފުރުސަތު ގެއްލިފައިވާ ޓީމެކެވެ. އެޓީމުގެ ބައެއް ކުޅުންތެރިން މިއަހަރުގެ ސީޒަނަށްވެސް ޓީމު ދޫކޮށް އެހެން ކްލަބްތަކަށް ގޮސްފައިވާއިރު މަޝްހޫރު ކުޅުންތެރިއަކު ޓީމާ ގުޅުނަކަމަކަށް މީޑިއާގައި ހާމަވެފައެއް ނެތެވެ.