26 Nov 2014, 09:36
ކުރިއަށް އޮތްތަނުގައި ދައުލަތުން ދޭ ޕްރޮޖެކްޓްތައް ދިނުމުގައި ދިވެހި ކޮންޓަކްޓަރުންނަށް ހާއްސަކަމެއް ދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އަށް 12 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި، ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަދީބް ވިދާޅުވީ، ދައުލަތުގެ ޕްރޮޖެކްޓްތައް ދިނުމުގައި އެއީ ދިވެހި ކުންފުނިތަކަށް ކުރެވޭވަރުގެ ކަންކަން ނަމަ ދިވެހި ކުންފުނިތަކަށް ފުރުސަތު ދިނުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން ހުށަހަޅާނަން ދައުލަތުން ދޭ ޕްރޮޖެކްޓުތައް ހާއްސަކޮށް ދިވެހިންނަށް ކުރެވޭ ކަންތައްތައް ދިވެހިންނަށް އެބަލިބެންޖެހޭ. އެހެންކަމުން ދިވެހި ކޮންޓްރެކްޓަރުންނަށް ހާއްސަ ކަމެއް ދިނުމަށް އަޅުގަނޑުމެންގެ ޓީމުން އިތުރަށް މަސައްކަތް ކުރާނެ ވާހަކަ ދައްނަވާލީ،" މިނިސްޓަރު އަދީބް ވިދާޅުވި އެވެ.
ދިވެހި ކުންފުނިތައް ވާދަވެރިކަމާއެކު މަސައްކަތް ކުރި ނަމަވެސް ބޭރު ފަރާތްތަކަށް ފައިދާ ކުރުމުގެ ބަދަލުގައި ދިވެހި ކުންފުނިތަކަށް ފައިދާވާނެ އުސޫލަކުން ހުރިހާ ކުންފުނިތަކުން މަސައްކަތް ކުރުމަށް ވެސް މިނިސްޓަރު އަދީބް ވިދާޅުވި އެވެ.
ބޭރުގެ ފަރާތްތަކުން ރާއްޖެއަށް އިންވެސްޓްކުރަން އަންނަ އިރު އެންމެ ބޮޑު އިސްކަމެއް ދެނީ ކޮންޓްރެކްޓަރުން ހޯދުމަށް ކަމަށާއި އެހެންކަމުން ދިވެހި ކޮންޓްރެކްޓަރުންގެ ޕްރޮފައިލް ވަރުގަދަ ކުރުމަށާއި އެޕްރޯޗުކުރުމަށް މިނިސްޓަރު އަދީބް އެދިވަޑައިގަތެވެ.
ކުރިއަށް އޮތްތަނުގައި ގިނަގުނަ ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތައް އަންނާނެ ކަމަށް އިޝާރާތް ކުރައްވައި އަދީބު ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރު ފެންނަނީ ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި ކަމަށެވެ.
މި ސަރުކާރުގެ އަމާޒަކަށް މިއޮތީ ވަރަށް ބޮޑަށް އިގްތިސާދު ހުޅުވާލުން ކަމަށާއި ބެންކު ގެރެންޓީގެ ބަދަލުގައި ޗެކެއް ބަހައްޓާގޮތް ހަމަޖައްސައިދިނުމުން އެއީ ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކަށް ލިބުނު ވަރަށް ބޮޑު ލުޔެއްކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.