26 Nov 2014, 09:18
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް، ސްރީލަންކާގެ ރައީސް މަހިންދާ ރާޖަޕަކްސާއާ ބައްދަލުކުރައްވައިފި އެވެ.
ނޭޕާލްގައި ބާއްވާ 18 ވަނަ ސާކް ސަމިޓުގެ ހަވާސާގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ދިވެހި ރާއްޖެ އާއި ސްރީލަންކާއާ ދެގައުމު ދެމެދުގައި އުފެދިފައިވާ ގާތްގުޅުމާއި، އެގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޔާމީން ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސާއާ ބައްދަލުކުރައްވަނީ -- ފޮޓޯ ރައީސް އޮފީސް
މި ސަރަހައްދުގައި ބާރުހުރި ޖަމާއަތަކަށް ސާކް ހެދުމަށްޓަކައި، ސާކްގެ ހުރިހާ ގައުމުތަކުގެ މެދުގައި ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ އިން ގުޅުން ބަދަހި ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވި އެވެ. އަދި ބައިނަލްއަގުވާމި މައިދާނުގައި ދިވެހި ރާއްޖެ ފަދަ ކުދި ގައުމުތައް ތަމްސީލު ކުރުމުގައި ސާކްގެ ދައުރު އިތުރަށް ފުޅާކުރަން ޖެހޭކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.
ސާކްއިން މިހާރު ކުރިއަށް ގެންދާ މުހިންމު މަޝްރޫއުތަކުގެ މައްޗަށް ބައްލަވާލައްވަމުން، ސާކްގެ ޗެއާޕާސަންގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސްރީލަންކާގެ ރައީސް ތައުރީފް ކުރެއްވި އެވެ.