26 Nov 2014, 08:55
ކަތްމަންޑޫ (ނޮވެމްބަރު 26): ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި މިއަދު ފެށި ދެކުނު އޭޝިޔާގެ ސަރަހައްދީ އެއްބާރުލުމާބެހޭ ޖަމިއްޔާ "ސާކް"ގެ ގައުމުތަކުގެ އިސްވެރިންގެ 18 ވަނަ ސަމިޓުން އެންމެ ބޮޑު އިސްކަމެއް ދޭނީ ސަރަހައްދީ އެއްބައިވަންތަކަން އިތުރަށް ވަރުގަދަ ކޮށް ހަރުދަނާ ކުރުމަށް ކަމަށް ސާކް ސެކްރެޓޭރިއަޓުން ހާމަކޮށްފި އެވެ.
ކަތުމަންޑޫގައި ހުންނަ ސާކްގެ ސެކްރެޓޭރިއަޓުން ބުނީ ސާކްގެ ގައުމުތަކުގެ މެދުގައި ވިޔަފާރީގެ މުޢާމަލާތައް ފުޅާކުރުމާއި ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ އިތުރުން ސައެންޓިފިކް ރީސާޗްގެ ދާއިރާގައި ސާކްގެ ގައުމުތަކުގެ މެދުގައި ގުޅުންތައް ބަދަހިކުރުން ސަމިޓްގެ އެޖެންޑާގެ ކުރީގައި ހިމެނޭ ކަމުގައެވެ. ސާކް އަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ މެދުގައި ސަރަހައްދީ ފެންވަރުގައި އެހީތެރިކަމާއި އެއްބާރުލުން އިތުރު ކުރުމުގެ މަގްސަދްގައި 1985 ވަނަ އަހަރު އުފެއްދި ޖަމާއަތެކެވެ.
މިޖަމާއަތް އުފެއްދިއިރު މެންބަރުންގެ ގޮތުގައި ތިބީ އިންޑިޔާއާއި ޕާކިސްތާނުގެ އިތުރުން ބަންގްލަދޭޝް އާއި ސްރީލަންކާއާއި ދިވެހިރާއްޖެއާއި ނޭޕާލް، އަދި ބޫޓާން އެވެ. ނަމަވެސް އަފްޣާނިސްތާނަކީ ޖޯގްރަފިކަލް ގޮތުން ދެކުނު އޭޝިޔާއަށް ނިސްބަތްވާ ގައުމަކަށްވާތީ 2005 ވަނަ އަހަރު، ސާކްގެ މެންބަރުކަން، އަފްޣާނިސްތާނަށް ދީފައިވެ އެވެ. ސާކް ގެ މެންބަރު ގައުމުތަކުގެ މެދުގައި ތަރައްގީކޮށް ކުރިއަރުވަންޖެހޭ ސަރަހައްދީ އެއްބާރުލުމުގެ ގުޅުންތައް ފާއިތުވި 28 އަހަރު ތެރޭގައި އެދެވޭވަރާ ގާތަށްވެސް ކުރިއެރުވިފައިނުވާކަމުގެ ތުހުމަތު އެޖަމާއަތުގެ މައްޗަށް ކުރެވިފައިވެ އެވެ. ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތަރައްގީއާއި ވިޔަފާރިއާއި ސަލާމަތީ ކަންކަމާއި އެނޫންވެސް ކަންކަމުގައި އެކަށީގެންވާ ގޮތެއްގައި އަދި ކާމިޔާބު ކަމާއެކު ސާކް އަށް ހަރަކާތްތެރި ވެވިފައި ނުވަނީ އެ ޖަމާއަތުގެ އެންމެ ބޮޑު ދެގައުމު ކަމަށްވާ އިންޑިޔާއާއި ޕާކިސްތާނާ ދެމެދުގައިވާ ހަތުރުވެރިކަމާއި ދެބަސްވުންތަކުގެ ހިޔަނި އެ ޖަމިއްޔާއަށް އެޅިފައިވުމުގެ ސަބަބުން ކަމަށް ސާކްގެ މަސްއޫލުވެރިން ވިދާޅުވެ އެވެ.
ކަތުމަންޑޫގައި މިއަދު ހެނދުނުފެށި މި ސަމިޓްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރަންދްރަ މޯދީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފް، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ، ސްރީލަންކާގެ ރައީސް މަހިންދާ ރާޖަޕަކްސަ، ދިވެހިރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ނޭޕާލްގެ ބޮޑުވަޒީރު ސުސިލް ކޮއިރަލާ، ބޫޓާންގެ ބޮޑުވަޒީރު ޝެރިންގްއޮބްގޭ އަދި އަފްޣާނިސްތާނުގެ ރައީސް އަޝްރަފް އަބްދުލްޣަނީ ބައިވެރިވެ ވަޑައިގަންނަވައެވެ.
ދެދުވަހުގެ މުއްދަތަށް ކުރިޔަށްދާ ސާކް ސަމިޓް ހަރަކާތްތައް ހިނގަމުންދާއިރު މިސަމިޓްގެ އަރިމަތީގައި އިންޑިޔާގެ ބޮޑުވަޒީރު ނަރަންދްރަ މޯދީ، ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ފިޔަވައި، ސާކްގެ އެހެން ހުރިހާ ގައުމުތަކެއްގެ ލީޑަރުންނާ ވަކިވަކިން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މޯދީއާއި ނަވާޒް ޝަރީފުގެ ބައްދަލުކުރެއްވުމެއް އަދި ތާވަލް ކުރެވިފައެއްނުވެ އެވެ.
މޯދީއާއި ނަވާޒް ޝަރީފުގެ ބައްދަލުކުރެއްވުމުގެ އިންތިޒާމް ސާކް ސަމިޓްގެ އަރިމަތީގައި ހަމަޖެއްސުމަށް ނޭޕާލްގެ ބޮޑުވަޒީރު ސުސިލް ކޮއިރަލާ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި މިފަދަ އިންތިޒާމެއް ހަމަޖެއްސުމަށް ސާކުގެ ލީޑަރުން ކޮއިރަލާއަށް ބާރުއަޅުއްވަމުން ގެންދަވާ ކަމަށް އިންޑިޔާގެ ނޫސްތައް ބުނެ އެވެ. (ރޮއިޓާސް)