26 Nov 2014, 05:36
ބެއިޖިން އިން ޙުސައިން ޙަސަން
ރާއްޖެއާ އެކު ގުޅުން ވަރުގަދަ ކުރަނީ "ހިތް ނިޔަތް" ސާފު ކަމާއެކު ކަމަށާއި ގުޅުން ބަދަހިކުރުމަށް ރާއްޖެ އިން އިސްނަގައިގެން ކުރަމުންދާ މަސައްކަތަށް ޗައިނާއިން ތައުރީފުކޮށްފި އެވެ.
ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރާއްޖެ-ޗައިނާ ގުޅުން ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެ އަށް ޗައިނާއިން ތައުރީފުކޮށްފައި ވަނީ އެ ގައުމުގެ ފޮރިން މިނިސްޓްރީގެ އޭޝިއާ ޑިޕާޓްމަންޓުގެ ޑިރެކްޓަރު ވޭންގް ލިޝިންއާ ބެއިޖިން އަށް އައިސް ތިބި ދިވެހި ނޫސްވެރިން އިއްޔެ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގައި ދިވެހި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވޭންގް ވިދާޅުވީ ރާއްޖެ-ޗައިނާ ގުޅުން އެންމެ ބޮޑަށް ވަރުގަދަވެގެން މިދަނީ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ކަމަށެވެ. އަދި މެރިޓައިމް ސިލްކް ރޫޓްގެ މަސައްކަތް ޗާއިނާއާ އެކު ކުރިއަށް ގެންދަން ދިވެހި ސަރުކާރުން އިސްނައިގެން ކުރާ މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވި އެވެ.
"ދެ ގައުމުގެ ގުޅުން މިހާ ބޮޑަށް ވަރުގަދަވެގެންދާ މިއީ ފުރަތަމަ ފަހަރު. ކުރަމުންދާ މި މަސައްކަތުގައި ކުރިއެރުންތައް ލިބޭނެކަމީ ޔާގީން ކަމެއް. ނަތީޖާ ލިބޭވަރަށް ދެ ގައުމުން ވެސް މަސައްކަތް ކުރޭ،" ވޭންގް ދާޅުވި އެވެ.
ޗައިނާއާ އެކު އިގްތިސާދީ މަސައްކަތަށް ރާއްޖެ ނުކުންނަނީ ރާއްޖޭގެ ގައުމީވަންތަކަށް ނުގެއްލޭ ގޮތަށް ކަމަށް ފާހަގަ ކުރައްވައި ވޭންގް ވިދާޅުވީ ރާއްޖެއާއެކު ޗައިނާއިން މަސައްކަތް ފަށަނީ "ހިނިތުންވުމާ އެކު" ކަމަށެވެ. ސަރަހައްދުގެ ތަރައްގީ ޗައިނާ އަށް އެކަނި ލިބިފައި ބޭއްވުމަކީ އެ ގައުމު ބޭނުންވާ ގޮތް ނޫން ކަމަށާއި ޗައިނާ އިން ބޭނުންވަނީ ތަރައްގީގެ ހިއްސާ ކައިރި ގައުމުތަކަށް ވެސް ވާސިލްވުން ކަމަށް ވޭންގް ވިދާޅުވި އެވެ.

ޗައިނާއިން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު ކުރިއަށް އޮތް ތާންގައި ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް. ވެސް އޭނާ ވިދާޅުވި އެވެ. މިދިޔަ އަހަރުގައި ވެސް 300،000 އަށް ވުރެ ގިނަ ޗައިނާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި ކަމަށް ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ރާއްޖެ އަށް ޗުއްޓީ ހޭދަކޮށްލުމަކީ ދިއުމަކީ ކޮންމެ މީހެއްގެ ވެސް ހުވަފެން ހަގީގަތަކަށް ވުން ކަމަށެވެ.
ދިވެހި ނޫސްވެރިން ޗައިނާ އަށް ކުރަމުންދާ ދަތުރަކީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ އިން އިންތިޒާމުކޮށްގެން އޯލް ޗައިނާ ޖާނަލިސްޓް އެސޯސިއޭޝަން (އޭސީޖޭއޭ) ގެ ދައުވަތަކަށް ކުރާ ދަތުރެކެވެ. މި ދަތުރުގައި ރާއްޖޭގެ އަށް މީޑިއާ ބައިވެރިވެ އެވެ. އެއީ "ސަން" މީޑިއާ އާއި "ވީ" މީޑިއާ އާއި "ހަވީރު" އޮންލައިނާއި ރާއްޖެ ޓީވީ އާއި ޓީވީއެމާއި ޗެނަލް ވަން އާއި ޗެނަލް 13 އާއި ދިޓީވީ އެވެ.
