30 Jan 2011, 14:33
ސަލްޓަންޕާކްގައި ވަޅިން ހަމަލާދީ ދެ ޒުވާނަކު ޒަހަމްކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު ގެސްޓް ހައުސްއަކުން އަތުލައިގަނެ ހައްޔަރުކޮށްފި އެވެ.
މާލޭގައި ފަހަކަށް އައިސް ހިންގަމުންދާ މާރާމާރީތަކާ ތަކާ ގުޅޭ ގޮތުން އިސްކަންދަރު ބިލްޑިންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހަމްދޫން ރަޝީދު މިއަދު ވިދާޅުވީ އިއްޔެ ސަލްޓަން ޕާކުގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ގެސްޓް ހައުސްއަކުން ކަމަށެވެ. އަދި އެ މީހުންނަކީ ކުށުގެ ރެކޯޑް އޮންނަ ބައެއް ކަމަށާއި ނަމަވެސް އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނާތީ އެއީ ކޮން ބައެއް ކަމެއް، ހަމްދޫން ރަޝީދު ވިދާޅެއްނުވެ އެވެ.
އޭނާ ވިދާޅުވީ ފަހަކަން އައިސް ހިންގަމުންދާ މާރާމާރީ އަކީ މާލޭގެ ގްރޫޕްތަކުގެ މެދު ހިންގަމުންދާ ސިލްސިލާ މާރާމާރީ ތަކެއް ކަމަށާއި އެ ކަން ކޮންޓްރޯކް ކުރުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހަމްދޫން ރަޝީދު އިތުރަށް ވިދާޅުވީ މާލޭގައި މާރާމާރީ ހިންގާ މީހުން އުޅެނީ ގެސްޓް ހައުސްތަކުގައި ކަމަށާއި ފަހަކަން އައިސް ހިންގާ މާރާމާރީތަކުގައި ހައްޔަރުކޮށްފައިވާ މީހުން ވެސް އަތިލައިގެންފައިވަނީ ގެސްޓް ހައުސްތަކުން ކަމަށެވެ. އަދި އެ ކަމުގައި ޝަމިލްވާ އިތުރު މީހުން ހޯދުމަށް މިހާތަނަށް މާލޭގެ 19 ގެސްޓް ހައުސްއެއް ޗެކްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ގެސްޓް ހައުސްތައް ޗެކްކުރުމުގައި އެ ތަންތަނުގެ ވެރިފަރާތް ތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ފުލުހުންގެ މަސައްކަތައް ލިބޭ ކަމަށް ހަމްދޫން ރަޝީދު ވިދާޅުވި އެވެ.