26 Nov 2014, 02:44
މާލޭ ސިޓީ ކައުންސިލް އިދާރާގެ ތެރެއަށް ވަނީ އެތަނުގައި ހުރި ލިޔުންތަކެއް ނާޖާއިޒުގޮތުގައި ބޭނުން ކުރާތީ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު އުސާމަތު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން މިރޭ މާލެ ސިޓީ ކައުންސިލަށް ފުހުން ވަނީ އެތަނުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންތަކެއް އެތަނުގައި ހުރި ހާއްސަ ލިޔުންތަކެއް ނާޖާއިޒު ގޮތުގައި ބޭނުން ކުރާތީ އެ ލިޔެކިއުންތައް ގެންދިޔުމަށް ކަމަށެވެ. އުސާމަތު ވިދާޅުވީ ފުލުހުން ބޭނުންވާ ލިޔެކިއުންތައް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
"ސިޓީ ކައުންސިލަށް އަޅުގަނޑުމެން ވަދެ އަޅުގަނދުމެން މަސައްކަތް ކޮށްފައިވާނީ ސިޓީ ކައުންސިލްގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް އެތަނުގައި ހުރި ބައެއް ލިޔެކިއުންތަކެއް ނާޖާއިޒު ގޮތުގައި ބޭނުންކުރަން މަސައްކަތް ކޮށްފައިވާތީ،" އުސާމަތުގެ ވިދާޅުވި އެވެ.
މިމައްސަލާގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި އެއް ނުވެއެވެ.
އުސާމަތު ވިދާޅުވީ މިއީ މި މައްސަލާގެ ފެށުން ކަމަށާއި މިކަމާ ގުޅޭ ވަރަށް ގިނަ މައުލޫމާތުތައް ފުލުހުންގެ އަތުގައި އެބަހުރި ކަމަށް ކަމަށެވެ.
"އަޅުގަނޑުމެން މިރޭ މިއުޅެނީ މިމައްސަލާގެ ފެށުމުގެ ތެރޭގައި އިނގޭތޯ. އެހެންނަމަވެސް އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުމެން މިމައްސަލާގައި ވަރަށް ބައިވަރު މައުލޫމާތުތަކެއް އެބަހުރި މިކަމާ ގުޅޭގޮތުން ވަރަށް ޕޮޓެންޝަލް ޑޮކިއުމަންޓްސްތަކެއް ލިބިއްޖެ. ހަމަ އެއާއެކު އެއާ ގުޅޭ އެވިޑެންސްތައް އަޅުގަނޑުމެން މިރޭ ވާނީ ކަލެކްޓް ކޮށްފައި،" އުސާމަތު ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު މިރޭ ވިދާޅުވީ ގާނޫނާ ގަވާއިދާ ޚިލާފަށް ސިޓީ ކައުންސިލްގައި އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުން މިރޭ ގެންދިޔައީ ރައްޔިތުންނަށް ގެދޮރު ބިނާ ކުރުމަށް ސިޓީ ކައުންސިލުން ތައްޔާރު ކުރަމުންދިޔަ ޕްރޮޖެކްޓުތަކެއްގެ މައުލޫމާތު ކަމަށެވެ.
"ގާނޫނާ ގަވާއިދާ ޚިލާފަށް މިތަނުގައި އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރަން. ފުލުހުން ގެންދެވީ އަޅުގަނޑުމެން ހެންވޭރުގެ ރައްޔިތުންނަށް ގެދޮރު ބިނާ ކުރުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ގެންދިޔަ ޕްރޮޖެކްޓެއްގެ މައުލޫމާތު،"ޝިފާ ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޝަމާއު ޝަރީފް މިރޭ ވިދާޅުވީ ސިޓީ ކައުންސިލުން ޕްލޭން ހެދުމަށް ބޭނުންކުރި ކޮމްޕިއުޓަރު ސިސްޓަމްތައް ވެސް ފުލުހުން ގެންގޮސްފައިވާ ކަމަށެވެ. އެއީ ވަރަށް ގިނަ ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ ކޮމްޕިއުޓަރު ސިސްޓަމްތަކެއް ކަމަށާއި އެހެންކަމުން އެ ސިސްޓަމްތައް ބޭނުްނުންކޮށްގެން ދޭ ޚިދުމަތްތައް މާދަމާ ހުއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މާދަމާ އެ ސެކްޝަންގެ މަސައްކަތް މުޅިން ހުއްޓޭނެ" ޝަމާއު ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލަށް ވަނުމަށް ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައި ވަނީ ރާއްޖޭގެ ބިމާ ބެހޭ ގާނޫނުގެ ދަށުން ހައުސިން މިނިސްޓްރީން އެކުލަވާލަމުން ގެންދާ ރާއްޖޭގެ ބިމުގެ ދަފްތަރުގެ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ސާވޭ އޮތޯރިޓީން މާލޭ ސިޓީ ކައުންސިލަށް ފޮނުވާފައިވާ ޕީޑީއެފް ފައިލްތަކުގެ މައުލޫމާތު މާލޭ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ބަޔަކު އެ މައުލޫމާތުތައް އެހެންފަރާތަކަށް ހިއްސާކޮށް ނާޖާއިޒުފައިދާ ތަކެއް ނަގަމުންދާ މައްސަލައާ ގުޅިގެން ހެކި ގަރީނާ ހޯދުމަށާއި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް، އެތަނުގެ ތެރެއަށް ވަނުމަށް އެ އަމުރުން ހުއްދަދީފައިވާ ކަމަށެވެ.