26 Nov 2014, 00:06
ސްޕެޝަން އިކޮނަމިކް ޒޯން (އެސްއީޒެޑް) އަށާއި އަންނަ އަހަރަށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓަށް ތާއީދު ކުރައްވާކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީސް (މަސީ)ގެ ރައީސް ވިދާޅުވެއްޖެއެވެ.
މަސީގެ 12 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ނަސަންދުރާގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން އެޖަމިއްޔާގެ ރައީސް އަދި އަމީން ކޮންސްޓްރަކްޝަންގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ މުހަންމަދު ވިދާޅުވީ އެސްއީޒެޑް ބިލަށާއި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓަށް އެޖަމިއްޔާއިން ތާއީދު ކުރާކަމަށެވެ. އަދި އެސްއީޒެޑު ބިލާއި ބަޖެޓުގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޮޑެތި ފައިދާތަކެއް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެސްއީޒެޑްގެ މަސައްކަތްތައް ހިނގައިގަތުމަކީ މި އިންޑަސްޓުރީއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް، އަދި މިނޭވާގައި 2015 ވަނަ އަހަރުގެ ބަޖެޓު ޕީއެސްއައިޕީއަށް ބޮޑު އަދަދެއް ހިމަނާފައިވުމަކީ މިއިންޑަސްޓުރިއަށް ކުރިއެރުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތުތަކެއް" އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.
އުމުރާނީ ތަރައްގީ ދުވަހެއް ރާއްޖޭގައި ފާހަގަކުރުމަކީ ވަރަށް މުހިންމުކަމެއްކަން އަބުދުﷲ މުހައްމަދުގެ ވާހަކައިގައިވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިސަރުކާރުން ކޮންސްޓުރަކްޝަން ދާއިރާ ކުރިއަރުވަން ބޮޑެތި އެހީތަކެއް ވެދެއްވާކަމަށް އޭނާ ވިދާޅުވިއެވެ.
އެހަފްލާގައި ވާހަކަ ދައްކަވަމުން މަސީގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ކޮންސްޓުރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކަށް ޕުރޮޖެކްޓުތައް ނުހިންގޭނެ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ގަބޫލު ކުރެވޭ ވާހަކަތަކެއް ނޫން ކަމަށާއި ރާއްޖޭގައި ކޮށްފައިވާ އުމުރާނީ މަސައްކަތްތަކުންވެސް އެކަން އެނގިގެންދާނެ ކަމަށެވެ.
މިރޭ މަސީއިން ބޭއްވި އެ ހަފްލާގައި ވަނީ ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި އެ ޖަމްއިއްޔާއަށް އެކި ފެންވަރުގައި އެކިގޮތްގޮތަށް އެހީތެރިވި ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުމާއި ފިލާ ހަވާލުކޮށްފައެވެ. ހަމައެހެންމެ މިރޭގެ ޖަލްސާގައިވަނީ މަސީގެ ޝަރަފުގެ އައްޑަނަ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ އިތުރުން މަސީގެ މިހާރުގެ ރައީސް އަބްދުﷲ މުހައްމަދާއި އެ ޖަމްއިއްޔާގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހުއަށް ދެއްވާފައެވެ.