25 Nov 2014, 22:39
ހެވީލޯޑު ބޯލްޑިވްސް އިން ކުރަމުން ގެންދިޔަ ތިލަފުށީ ބިންހިއްކުމުގެ މަސައްކަތް ހުއްޓިފައިވާތީ، އެކުންފުންޏަށް ބަދަލުދޭނެ ގޮތަކާ މެދު ސަރުކާރުން މަޝްވަރާ ކުރަން ފަށައިފިއެވެ.
ސަން އަށް އެނގިފައިވާގޮތުގައި ހެވީލޯޑަށް ބަދަލުދޭނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް ތިލަފުށީ ކޯޕަރޭޝަންގެ ބޯޑުން ވަނީ ބައްދަލުވުންތައް ބާއްވާފައެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ހެވީލޯޑަށް ފައިސާގެ ބޮޑު އަދަދެއް ދޭންޖެހިދާނެ ކަމަށް ބެލެވޭތީ އެއީ ބުއަކަށް ވެގެންދިޔުމުގެ ފުރުސަތު އޮތުމުން ފައިސާއިން ބައެއް ދިނުމަށްފަހު ބާކީ ހުރި ފައިސާގެ ބަދަލުގައި ރިސޯޓެއް ހަދަން ރަށެއްދޭން ވަނީ މަޝްވަރާކޮށްފައެވެ.
ތިލަފުށީ ބިން ހިއްކުމުގެ މަސައްކަތް 21 މިލިއަން ޑޮލަރަށް ހެވީލޯޑު މޯލްޑިވްސްއާ ހަވާލުކޮށްފައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.
އެ މަސައްކަތް ހެވީލޯޑާ ހަވާލުކޮށްފައި ވަނީ އޭރު ތިލަފުށީ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މއ. މަޒާގޭ އިބްރާހީމް ރިޔާޒު މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެންކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެން އޭނާ ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ދާދިފަހުން ހުކުމް ކޮށްފައެވެ.